މާލޭގެ ބައެއް ސަރަހައްދުތަކަށް ރާޅު އަރަމުން އަންނާތީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަންނަނީ މިއަދު އުދަ އަރަމުންނެއެވެ. އެގޮތުން ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދަށް މިއަދު އެރި ބޮޑު ރާޅެއްގައި ސައިކަލްތަކަށް ގެއްލުންތައް ވެފައިވާއިރު ހަ މީހަކަށް އެކި ވަރުގެ އަނިޔާވެފައިވެއެވެ.

ފުލުހުން ބުނީ މި ހާލަތުގައި ބުރިޖާއި ހަލި މަގުގައި ކޮންމެހެން ޒަރޫރީ ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް ދަތުރު ނުކުރަން އެދޭ ކަމަށެވެ.

"ޚާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ދަންނަވަން. ޒަރޫރީ ދަތުރުތައް ކުރުމަށް ވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރައްވާ،" ފުލުހުން ބުންޏެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ބައެއް ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ރާޅުގަނޑު ސަރަހައްދުގެ އިތުރުން ސިނަމާލެ، ބްރިޖާއި، ހައިވޭއަށް ވެސް ރާޅު އަރަމުން އެބަދެއެވެ.