ޕީޕީއެމް، ޕީއެންސީގެ ކޯލިޝަނުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސިޔާސީ މުސްތަގުބަލާ މެދު ނިންމަވާ ގޮތް މާދަމާ އިއުލާން ކުރައްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ދެހާސްވިހި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޯލިޝަނުގެ އެޑްވައިޒަރަކަށް ހަމަޖެއްސި ޝަހީމް އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ދެއްވާފައެއް ނުވެއެވެ. އަދި ފޯނަށް ޖަވާބު ނުފެއްވާތީ، ޝަހީމްގެ ފަރާތުން ބަހެއް ލިބިފައިނުވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް އެހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން ޕީޕީއެމް ކޯލިޝަން ތެރެ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން، ރަނިން މޭޓަކަށް ކުރީގެ ނައިބު ރައީސް އަދި ގާނޫން ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވައި ފޯމް ހުށަހެޅުއްވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކެންޑިޑެސީ ބަލައިނުގަތުމުން އެ ނިންމުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވިދާނެތީ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ޕީއެންސީއިން ވަނީ ރިޔާސީ ކެންޑިޑޭޓެއް ހޮވާފައެވެ. އެ ޕާޓީގެ ޓިކެޓް ކާމިޔާބު ކުރެއްވީ މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ.

ނަމަވެސް ރޭ ޑރ. ޖަމީލް ވަނީ ޔާމީނަށް ވާދަނުކުރެއްވޭ ނަމަ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރޭނެ ކަމަށާއި މުއިއްޒު ވާދަ ކުރައްވާނީ "ވޯސްޓް ކޭސް"ގައި ކަމަށް ވިދާޅުވެފައެވެ.

އަދާލަތު ޕާޓީން ސިޔާސީ މަސައްކަތްތައް ފެއްޓެވި ޑރ. ޝަހީމް ޕީޕީއެމާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރެވެ. އޭރު ޝަހީމް ވަނީ ޕީޕީއެމްގައި ޔާމީން ދެމިހުންނެވިހާ ހިނދަކު، އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. ޝަހީމާއެކު ކުރިއަށް ދިޔުމަށް ސަރުކާރުންނާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޖުމްހޫރީ ޕާޓީއިން ވެސް އޭނާއާ ވާހަކަދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.