05 Aug 2023, 17:31
ޕީއެންސީގެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރު އިދިކޮޅު ޕީޕީއެމުން ދޮގުކޮށްފިއެވެ.
އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އެ ޕާޓީން ބުނީ، ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޑް ކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި އެ ޕާޓީން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަނި ކަމަށް އެ ބަޔާނުގައިވެއެވެ.
"ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު، ކަމުގެ ހަގީގީ މާއުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލަމެވެ. ޕީޕީއެމްގެ ފަރާތުން ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ވާހަކަ ދަންނަވަމެވެ," ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނީ، ރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެޕާޓީ ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކާމިޔާބު ވެއްޖެނަމަ، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުނުރެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމައި އެ ޕާޓީގެ ސެނެޓަރުންގެ މެދުގައި ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ރޭ ވިދާޅުވީ ޑރ. މުއިއްޒަކީ ޕްލޭން ސީ ކަމަށެވެ. ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ކުށުގެ ރެކޯޑް ސާފު ކުރުމަށް ޑީޖޭއޭއަށް ހުށަހަޅުއްވާފައެވެ.