މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެ މީހެއްގެ ރަށް ނޫން އެހެން ތަނެއްގައި އޮންލައިންކޮށް ރަޖިސްޓާވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލި ފުރުސަތު މިރޭ 10:00އަށް އިތުރުކޮށްފިއެވެ.

މިއަދު ހަވީރު 16:00އަށް ހަމަވާން އެ މުއްދަތު އިތުރުކުރިކަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މިރޭ 10 ޖަހަންދެން އެ ފުރުސަތު އޮންނާނެކަމަށް އީސީއިން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި ރީރެޖިސްޓްރީ ވާންޖެހޭނީ، ރެޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން އެދޭ މީހުންނެވެ.

ނަމަވެސް، 2020ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީރެޖިސްޓާވި މީހުން، ރިޔާސީ އިންތިޚާބުގައި އަލުން ރީރެޖިސްޓާވާން ނުޖެހޭނެކަމަށް މީގެކުރިން އީސީން ވަނީ ނިންމާފައެވެ.

މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. ނަމަވެސް، ރީރެޖިސްޓްރޭޝަނަށް ފަހު މި އަދަދަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.