ބައިނަލްއަގުވާމީ ޖަމާއަތްތަކާ ރާއްޖެ އެކަހެރިވުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށާއި ސިޔާސީ ފަރާތްތަކަށް މަދަނީ ހަތަރު ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
އެ ޖަމިއްޔާތަކުން އެގޮތަށް ގޮވާލީ ކޮމަންވެލްތުން ރާއްޖެ ވަކިކުރުމަށް ސިޔާސީ ފަރާތްތަކުން މަޖިލީހަށް ވައްދާފައިވާ ބިލަށް އިޝާރާތްކޮށެވެ.

ޓްރާސްޕޭރެންސީ މޯލްޑިވްސް އާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކާއި ޑިމޮކްރަސީ ހައުސްގެ އިތުރުން މޯލްޑިވްސް އެންޖީއޯ ފެޑެރޭޝަން "ތިން ވަނަ އަޑު"ގެ ނަމުގައި ފަށާފައިވާ ކެމްޕެއިންގެ ދަށުން ސިޔާސީ ފަރާތްތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ އެފަދަ ފަރާތްތަކުގެ އެހީތެރިކަމާ ނުލައި ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަސީ ހަރުދަނާ ކުރުމުގަ އާއި ތަރައްގީގެ މަސައްކަތްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި އެފަދަ ޖަމާއަތްތަކާ ވަކިވުމަށް ގޮވާލާ ގޮވާލުންތަކަކީ އެ ޖަމިއްޔާތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ދޭދޭ ގައުމުތަކާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ މަގްސަދުގައި ވާހަކަ ދެއްކުވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މަންފާ ހާސިލުކުރެވޭނެ ފަދަ ގޮތަކަށް އެ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށާއި ދައުލަތުގެ އެކި މަސްއޫލު މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ތިން ވަނައަޑުގެ ކެމްޕެއިންގައި ބައިވެރިވާ ޖަމިއްޔާތަކުގެ ފަރާތުން ގޮވާލަމެވެ." ރައީސް ވަހީދަށާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީއާ އެކު ރާއްޖެ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.