މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖެއްސެވުމަށް ނިންމައިފިއެވެ.

އެމްއެންޕީގެ އޮފިޝަލަކު 'ސަން' އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

އެކަން ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ، ބިލަބޮން ސްކޫލުގައި މިރޭ ބާއްވާ ޖަލްސާއެއްގައެވެ.

އައްޑޫއަށް ނިސްބަތްވާ ޑރ. އަދީލަކީ، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރެއްވި ބޭފުޅެކެވެ.

ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. އަދީލް ވަނީ މީގެ ކުރިން އައްޑޫގެ އެކިއެކި ސްކޫލްތަކުގެ ޕްރިންސިޕަލްކަން ވެސް ކުރައްވައިފައެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައިފައެވެ.

ނާޒިމްގެ ރަނިންމޭޓަކަށް އަދީލް ހަމަޖައްސަވާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.