05 Aug 2023, 14:26
އަންނަން އޮތް ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ހޯދުމަށް އޮތް ހުރިހާ ފުރުސަތެއް ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެޕާޓީގެ ދެމެދުގައި އޮތް ގުޅުމަކީ ފެށުނީއްސުރެ، ފަސޭހަ ގުޅުމެއް ނޫން ކަމަށެވެ.
"ކޯލިޝަން އަވަހަށް ނުރޫޅުވީ ރައީސް [އިބްރާހީމް މުޙައްމަދު ޞާލިޙު]ގެ ކެތްތެރިކަމާއި، މާފުކުރެއްވުމާއި، މަސައްކަތްޕުޅުގެ ސަބަބުން. [ޖުމްހޫރީ ޕާޓީގެ ލީޑަރު] ޤާސިމް އިބްރާހީމް ރުއްސުމަކީ އެއްވެސް އިރަކު ފަސޭހަކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގާސިމްގެ ޑިމާންޑުތައް ފުއްދައި ދިނުމަކީ އެއްވެސް ކޯލިޝަން ޕާޓްނަރަކަށް ނުވަތަ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވީ، އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމު ޖަލުގައި އޮންނެވުމުންނާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރާ ވަކިވެ ވަޑައިގަތުމުން އެ ޕާޓީއަށް ފުރުސަތެއް އޮންނާނެ ކަމަށް ދެކިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް، ޖޭޕީއާއި، ނަޝީދުގެ މަޝްވަރާތައް ކާމިޔާބު ނުވުމުންނާއި، ޕީޕީއެމުން ކެންޑިޑޭޑަކު ނެރެން ނިންމުމުން އެ ޕާޓީއަށް އޮތް ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމާއެކު، ޖޭޕީއަށް ދެވަނައަށް އައުމަށް އޮތް ހަނި ފުރުސަތު ވެސް މިހާރު ވަނީ ގެއްލިފައި. އަމިއްލަ ކެންޑިޑޭޓެއް ނެރުމަށްޓަކައި، އެމްޑީޕީ ކޯލިޝަން ދޫކޮށްލުމާއެކު، ދެން އަންނަ ސަރުކާރެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ޕާޓީއަށް ވަނީ ގެއްލިފައި،" އޭނާ ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީން އަންނަނީ، އަންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ނެރުމަށް ތައްޔާރުވަމުންނެވެ. އެޕާޓީން ކޯލިޝަން ހެދުމަށް އެކި ޕާޓީތައް ހެދުމަށް މަޝްވަރާ ކޮށްފައިވީ ނަމަވެސް، އެއްވެސް މަޝްވަރާއެއް ކާމިޔާބުވެފައި ނުވެއެވެ.
އެގޮތުން، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން"، އެމްއެންޕީ، އަދި އެމްއާރްއެމާއެކު ވެސް އެ ޕާޓީން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެ ހުރިހާ ޕާޓީއަކުން ވެސް ފަހުން ނިންމާފައިވަނީ ވަކިން ކެންޑިޑޭޓުން ނެރެގެން ވާދަކުރުމަށެވެ.
މިހާތަނަށް އައި އިރު ޖުމްހޫރީ ޕާޓީން މާބޮޑު ކެމްޕޭނެއް ވެސް ކޮށްފައެއް ނުވެއެވެ. އެ ޕާޓީގެ ކެންޑިޑޭޓުގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް ހުށަހަޅާފައިވަނީ ވެސް މިއަދެވެ.