05 Aug 2023, 13:50
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ރަސްމީ ކިޔުންތަކުން ފެންނަ މީހާ، އުމުރުން 110 އަހަރުގައި މިއަދު ނިޔާވެއްޖެއެވެ.
ރާއްޖޭގައި މިއަދާ ޖެހެންދެން ރަސްމީ ލިޔުންތަކުން ފެންނަން އޮތް ގޮތުގައި ހުރި އެންމެ ދުވަސްވީ މީހަކީ ސ. ހިތަދޫ މަންޒަރުގޭ އަލީ ހުސައިނެވެ. ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އޭނާގެ އުމުރަކީ ނިޔާވި އިރު 110 އަހަރެވެ.
ހުސައިންގެ އުފަން ތާރީޚަކީ މެއި 14، 1913އެވެ. އޭނާގެ ހާލު މަރު ދުވަހާ ޖެހެންދެން ވެސް ރަނގަޅެވެ. މާ ބޮޑު ބަލިމަޑުކަމަކާ ކުރިމައްޗެއް ނުވެއެވެ.
ހުސައިންގެ ކާފަ ދަރިއަކު މިއަދު "ސަން"އަށް ބުނީ އިއްޔެ ވެސް އޭނާ ހިނގާބިނގާވެ އުޅުނު ކަމަށެވެ. އަދި ރޭގައި ވެސް އޭނާއާ ބައްދަލުވެ ވާހަކަ ދެއްކި ކަމަށް ވެސް ކިޔައިދިނެވެ.

ހުސައިން ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނު ޚަބަރެއް ނުވެގެން ބެލުމުންނެވެ. އޭރު އޭނާ ވަނީ ނިޔާވެފައިކަމަށް ކާފަ ދަރިފުޅު ބުންޏެވެ.
ހުސައިން ނިޔާވިއިރު އޭނާގެ އަންތްބަކު ދުނިޔޭގައި އެބަހުއްޓެވެ. އަދި ނުވަ ކުދީން އޭނާއަށް ލިބުނެވެ. އަދި 59 ކާފަ ދަރީން ތިބި އިރު 80 މުނިކާފަ ދަރީން އެބަ ތިއްބެވެ.