05 Aug 2023, 13:11
މާލޭގައި ފިރިހެނަކު ރަހީނުކޮށް އޭނާގެ އަތުން ފައިސާ އަތުލި މައްސަލައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށް ދެއްވައިފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިއްޔެ މެންދުރުފަހު މީހަކު ރަހީނުކުރީ މާލޭ ގެސްޓުހައުސްއެއްގައެވެ. އަދި، އޭނާއަށް އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
ނަމަވެސް، ރަހީނުކޮށްފައި ވަނީ ކޮން އުމުރެއްގެ މީހެއް ކަމެއް ނުވަތަ އަތުލާފާއި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ، އިއްޔެ މެންދުރުފަހު 01:30ގައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރަހީނު ކުރުމުގެ ހާދިސާތައް ރާއްޖޭގައި މަދުން ނަމަވެސް ހިނގައެވެ.