ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު، ރެކޯޑު ސާފު ކުރަން ހުށަހަޅުއްވައިފިއެވެ.

ރިޔާސީ އިންތިޚާބަށް ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ޑިޕާޓްމެން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން މިއަދުވެސް ކުރަމުންދާއިރު، ޑރ. ވަހީދުގެ ރެކޯޑު ސާފު ކުރަން ހުށަހަޅާފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެއްވޭނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ކޯލިޝަންގެ ލީޑާޝިޕްގެ ހުރިހައި ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފު ކުރަން ހުށަހަޅަން މީގެ ކުރިން އެ ދެ ޕާޓީން ނިންމާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ނިންމައިފައެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އަޑުއެހުންތައް ބޭއްވުމަށް ފަހު، ފަނޑިޔާރުން އިތުރަށް ސާފު ކުރަން ބޭނުންފުޅުވާ ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް މައްސަލައިގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފައެވެ.

އެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ސުޕްރީމް ކޯޓު ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޑރ. ވަހީދު ވަނީ ޔާމީން ޖަލުގައި ހުންނަވަނިކޮށް، އެ މަނިކުފާނު މިނިވަން ނުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކެމްޕޭން ކުރައްވަމުން ގެންދިއުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޔާމިނާށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ނަމަ ރައީސްކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާކަމުގެ އިޝާރާތެއް ޑރ. ވަހީދު މީގެ ކުރިން ދެއްވާފައިވެއެވެ. އެގޮތުން އިންތިޚާބުގައި ޔާމީނަށް ވާދަނުކުރެވޭނަމަ ޕާޓީން ނިންމާނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ގޮތަކީ އެމަނިކުފާނު ކުރިމަތިލުން ކަމަށްވާނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ޑރ. ވަހީދު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަށް ވާދަނުކުރެއްވިދާނެތީ 'ބެކްއަޕް' ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޔާމީން މީގެ ކުރިން އިރުޝާދު ދެއްވުމާ ގުޅިގެން، ޕީއެންސީގެ ސެނެޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކަމަށް ވޯޓެއް ނަގާފައެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒެވެ. އެ ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު މުއިއްޒު މިއަދު ވަނީ ރަނިން މޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ޚިޔާރު ކުރައްވާފައިވާކަން އިއުލާންކުރައްވާފައެވެ.

ނަމަވެސް އިސްތިއުނާފުގެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، ޕީޕީއެމްގެ ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާނެ ކަމަށާއި، މުއިއްޒު ވާދަ ކުރައްވާނީ "ވޯސްޓް ކޭސް" ގައި ކަމަށް ޔާމީންގެ ގާނޫނީ ވަކީލް އަދި ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރޭ ވިދާޅުވެފައެވެ.

މީގެ ކުރިން ސިޔާސީ ޕާޓީއެއްވެސް އުފެއްދެވި ޑރ. ވަހީދު 2008 ވަނަ އަހަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ނައިބު ރައީސް ކަމަށް ވަޑައިގެންނެވިއެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ނަޝީދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެ، ދައުރު ފުރިހަމަކުރެއްވިއެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ. ވަހީދު ވާދަކުރެއްވުމުން އެމަނިކުފާނަށް ލިބިވަޑައިގަތީ ފަސް ޕަސެންޓް ވޯޓެވެ.