ހދ. ވައިކަރަދުއަށް ދިޔަ ލޯންޗަކަށް އަރައިގެން ދެ އަންހެން ކުއްޖަކު އެ ރަށުން މިއަދު ފިލައިފި އެވެ.

ވައިކަރަދޫ ކައުންސިލް މެމްބަރު އާދަމް ޝާހިދު މިއަދު ވިދާޅުވީ ލޯންޗެއްގައި އެ ރަށަށް ދިޔަ ބަޔަކާ އެކު އެ ލޯންޗަށް އަރައިގެން ފިލީ އެއްބަޑުއެއްބަފާ ދެ ކުދިން ކަމަށާއި އެ ތަނުން އެއްކުއްޖަކަށް ވާނީ 15 އަހަރު ކަމަށެވެ. އަދި އަނެއްކުއްޖެއްގެ އުމުރަކީ 16 އަހަރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް އެތާ ކައިރީ ހުރި ކެފޭއެއްގައި ކޮފީއެއް ބޯން އިންދައި ތިން ބެއިން ބަނދަރާ ދިމާއަށް ދާތަން ފެނުނީ. ބޮޑަށް ތިބި ދެ ކުދިން ލޯންޗަށް އެރީމަ ކުޑައަށް ހުރި ކުއްޖާ އެއްގަމަށް ދިޔައީ. ނޭނގޭ ކޮންރަށެއްގެ ކޮންނަމެއް ކިޔާ ލޯންޗެެއް ކަމެއް ވެސް،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކުދިން ލޯންޗަށް އަރައިގެން ދިޔަތާ މާގިނައިރެއްނުވެ އެކުދިންގެ މަންމަ އެ ކުދިން ގެއްލިގެން ކައުންސިލް އިދާރާ އަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ސަން އޮންލައިން އަށް މިއަދު ބުނީ ފިލި ދެ އަންހެން ކުދިންނާ ގުޅޭ ގޮތުން އެކި ކަހަލަ ޝަކުވާ އެ ކުދިންގެ މައިންބަފައިންނާއި އެ ރަށުގެ ބައެއް މީހުން ޖެންޑާ މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.