06 May 2012, 13:11
ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް މުވައްޒަފުން ކުރަމުން ދިޔަ އިހުތިޖާޖުތަކާ ގުޅިގެން ކުންފުނީގެ އާ ބޯޑާ މުވައްޒަފުން އެއްބަސްވުންތަކެއް ވުމަށް ފަހު މުވައްޒަފުން އަލުން އެނބުރި މަސައްކަތަށް ނުކުންނަށް ފަށައިފި އެވެ.
ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން، އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު، މުހައްމަދު އިމްތިޔާޒް މިއަދު ވިދާޅުވީ އޭނާ އާއި ޑިރެކްޓަރު ޖެނަރަލް އިއްޔެ ފެލިވަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މުވައްޒަފުން ބޭނުންވި ކަންކަން ހައްލު ކުރުމަށް މުވައްޒަފުންނާއި ބޯޑާއި ދެމެދު އެއްބަސްވުންތަކަށް އައިސްފައިވާ ކަމަށެވެ.
"އެ ބޭފުޅުން މުވައްޒަފުންގެ ތެރެއިން ކަނޑައެޅުއްވި ފަސް ބޭފުޅަކާ ބައްދަލު ކުރީ. އެ ބޭފުޅުން ކުރިން އޮތީ ޕެޓިޝަނެއް ހުށަހަޅާފައި. ދެން އޭގައި އެބޭފުޅުން ބުނެފައިވާ ކަންކަމާ މަޝްވަރާކޮށްފައި ދެ ފަރާތުން އެއްބަސްވާ އެއްބަސްވުންތަކަށް އެކަން ނިމިގެންދިޔައީ." އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އެ ބައްދަލު ކުރުމަށް ފަހު މިހާރު މުވައްޒަފުން ވަނީ އެނބުރި މަސައްކަތަށް ނިކުންނާން ފަށާފައިވާ ކަމަށާއި މިއަދު ކުންފުނީގެ އޮޕްރޭޝަންތައް އަލުން ފެށިގެން ކުރިއަށްދާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ފެލިވަރުގެ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު ކުރި އިހްތިޖާޖުގައި މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް އެދި މެނޭޖްމެންޓަށް ހުށަހެޅި ޕެޓިޝަނާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އިންތި ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ވަރު ކަނޑައެޅިގެން ވިދާޅުވުމަށް މިވަގުތު ދަތިކަމަށާއި އެހެން ނަމަވެސް ބަޖެޓް ތަންދިން ވަރަކުން އެކަން ވެސް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އާ ބޯޑެއް އަދި މިއީ. އަޅުގަނޑުމެނަކަށް އަދި ކަނޑައެޅިގެން މިހާވަރޭ ދެވޭނީ ޔަގީން ކަމެއް ނުދެވޭނެ އެއްވެސް ބަޔަކަށް. އެހެން ނަމަވެސް އަޅުގަނޑުމެން އެތާގެ ފައިނޭންޝަލް ސުޓްރެންތަށް ބަލާފައި ވެވެން އޮތް އެންމެ ރަނގަޅު ގޮތެއް ހަދާދޭނެ ކަމަށް އަޅުގަނޑުމެން ބުނީ."
ފެލިވަރު ކުންފުނީގެ ބޯޑު ޗެއާމަން ކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދެއްވި އިންޓަވިއުގައި އިންތި ވިދާޅުވީ ބޯޑުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުންފުނީގެ އުފެއްދުންތައް އިތުރުކޮށްދީ ކާމިޔާބު ކުންފުނެޏެއްގެ ގޮތުގައި ފެލިވަރު ކުންފުނި ހެދުން ކަމަށެވެ.
"އެންމެ ބޮޑު އިސްކަމެއް ބޯޑުން ދޭނީ ފެލިވަރުގެ ޕްރޮޑަކްޝަން އިތުރުކުރުމަށް. ދެން އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނީ. އެހެންވީމާ ބަރާބަރަށް މައްސަލަ ނުޖެހި ހިނގާނެ ކުންފުންޏެއްގެ ގޮތުގައި ފެލިވަރު ކުންފުނި ހިންގުން އެއީ ބޯޑުގެ އެންމެ ބޮޑު އަމާޒަކީ." އިންތި ވިދާޅުވި އެވެ.
ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ އަލަށް އެކުލަވާލި ބޯޑުގެ ބޭފުޅުން މުވައްޒިފުނާ މަޝްވަރާ ކުރެއްވުމަށް ފަހު ދެ މަސް ދުވަސް ތެރޭގައި މުވައްޒަފުން އެދުނު ކަންކަމަށް ހައްލު ހޯދަދޭނެ ކަމަށް ބުނި ކަމަށެވެ.