05 Aug 2023, 08:29
މިމަހުގެ 10ވަނަ ދުވަހު ފެށޭ ދަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބޯން (އައިއެފްއެފްއެމް)ގައި ބަތަލާ ރާނީ މުކަރުޖީގެ ޚާއްޞަ މާސްޓާ ކްލާހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރާނީ މުކަރުޖީގެ ފިލްމީ ކެރިއަރުގައި ކުރެވުނު ތަޖުރިބާތަކާއި އޭނާގެ ބައެއް ފިލްމުތައް ކުޅުނުއިރު ދިމާވި ގޮންޖެހުންތައް މި ކްލާހުގައި އާއްމުންނާ ހިއްސާކުރާނެއެވެ. ރާނީގެ މާސްޓާ ކްލާސް ނަގައިދިނުމަށް ހަމަޖެހިފައިވަނީ މިފެސްޓިވަލް ފެށޭ ދުވަހުއެވެ.
މި މަހުގެ 14ވަނަ ދުވަހާ ހަމައަށް އޮސްޓްރޭލިއާގެ މެލްބޯންގައި ކުރިޔަށްގެންދާ މިފެސްޓިވަލުގައި ރާނީއާ ސުވާލުކުރުމުގެ ފުރުސަތުވެސް އާއްމުންނަށް ލިބޭނެއެވެ. ރާނީ މަސައްކަތްކޮށްފައިވާ ފިލްމުތައްކަމަށްވާ، "ރާޖާ ކޭ އާއޭންގީ ބާރާތު"، "ކުޗް ކުޗް ހޯތާ ހޭ"، "ސާތިޔާ، "ޔޫވާ"،"ހަމް ތުމް"، "ބްލެކް" އަދި "މަރުދާނީ"ފަދަ ފިލްމުތަކުގެ ތަޖުރިބާތައް ކްލާހުގައި އާއްމުންނާ ހިއްސާކުރާނެއެވެ.
މި ކްލާސް ކުރިއަށްދާނީ ބަތަލާ ކުޅުނު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އަށް ޓްރިބިއުޓެއް ދިނުމުގެގޮތުން މެލްބޯންގެ އިމިގްރޭޝަން މިއުޒިއަމްގައެވެ. މިފަދަ ޝަރަފެއް އައިއެފްއެފްއެމްގެ ފަރާތުން ބަތަލާއަށް އެރުވީތީ އެކަމާ ފަޚުރުވެރިވާކަމަށް ބުނެ ރާނީ ވަނީ އޮސްޓްރޭލިއާގެ ރައްޔިތުން އޭނާއަށް ދެމުން އަންނަ ލޯތްބަށް ޝުކުރު އަދާކޮށްފައެވެ.
ހިންދީ ސިނަމާގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ސަޤާފަތް ދައްކުވައިދޭ އިވެންޓްތަކެއް އެކުލެވޭ މި ފެސްޓިވަލުގައި މިއަހަރުވެސް އިންޑިއާގެ ގިނަ ފިލްމުތަކެއް ބައިވެރިކޮށް ޕްރިމިއާކުރާނެއެވެ. އޭގެތެރޭގައި އަބީޝެކް ބައްޗަންއާއި ބަތަލާ ސައިޔާމީގެ ފިލްމު "ގޫމަރު" ހިމެނެއެވެ. ބަތަލާ ރާނީ މުކަރުޖީ އެންމެ ފަހުން ކުޅުނު ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އަށްފަހު އިތުރު ފިލްމަކަށް އޭނާ ސޮއިކޮށްފައެއް ނުވެއެވެ.