ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޕީޕީއެމްގެ ފަރާތުން ހުށަހެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު 25 ގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަކު، އީސީން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ޖެހިގެން އައި ބުދަ ދުވަހުގެ ފަތިހު އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގައި މިއަދު 4:00 އިން ފެށިގެން މިރޭ 11:20 އާ ހަމައަށް ދެމިގެންދިޔަ ޝަރީއަތުގައި ވަނީ މައްސަލަ ހުށަހަޅައި އެއަށް ޖަވާބު ދާރީ ވުމުގެ ފުރުސަތު ވެސް އަރުވައިފައެވެ. ވަރަށް ތަފުސީލީ ގޮތެއްގައި ވާހަކަ ދެކެވުނު ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިރޭ ވަނީ ނިންމާލައިފައެވެ.

އެހެންވެ، ޝަރީއަތް ނިންމާލަމުން ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވީ، މައްސަލައިގައި ފަނޑިޔާރުން ބަހުސްކޮށް، މަޝްވަރާ ކުރާއިރު، ސާފު ކުރަން ޖެހޭ އިތުރު ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެކަމަކު، ސާފު ކުރަން ޖެހޭ އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީންގެ ފަރާތްޕުޅުން މައިގަނޑު ދެ ނުކުތާއެއް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.

އެއީ، އީސީން އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ ކަމުގެ އަމުރަކަށާއި އަދި އެ ނޫން ހާލަތެއްގައި ވެސް ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރެން ވަގުތު ދޭން އެންގުމުގެ އަމުރަކަށެވެ.

ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެ ކަމުގެ އިޝާރާތެއް ދީފައިވާއިރު، އިއްޔެ ޕީއެންސީން ވަނީ ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއްގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ނިންމައިފައެވެ. އަދި، އެ ހާލަތުގައި ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަން އެ ޕާޓީން ވަނީ ނިންމައިފައެވެ.