05 Aug 2023, 08:25
އިންޑިއާގެ އެންމެ މަގުބޫލު ތަމަޅަ އެކްޓަރު ރަޖިނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ"ގެ ޓްރެއިލާ ނިއުޔޯކް ސިޓީގެ ޓައިމް ސްކެއާގައި ޕްރިމިއާކޮށްފިއެވެ.
މިމަހުގެ 10ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މިފިލްމަކީ، އެކްޝަން ބްލެކް ކޮމެޑީ ފިލްމެކެވެ. ނިއުޔޯކް ސިޓީގެ ޓައިމް ސްކެއާގައި މިފިލްމުގެ ޓްރެއިލާ ޕްރިމިއާކުރި ވަގުތު ގިނަ ބަޔަކުވަނީ އެ ސަރަޙައްދަށް އެއްވެ ރަޖިނީކާންތަށް ތަރުހީބު ދީފައެވެ.
އިންޑިއާގެ ތަމަޅަ ފިލްމުތައް ޑައިރެކްޓްކުރުމުގައި މަގުބޫލު ނެލްސަންގެ މިފިލްމު އުފައްދާނެކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. ރަޖިނީކާންތުގެ ކެރިއަރުގެ 169ވަނަ ފިލްމުކަމަށްވާ "ޖެއިލާ"އިން ސައުތު ސިނަމާގެ މަގުބޫލު ގިނަ އެކްޓަރުންތަކެއް ފެންނާނެއެވެ. އޭގެތެރޭގައި، ބަތަލާ ތަމަންނާ ބާޓިއާ، މިރުނާ މެނޮން، ޝިވާ ރާޖްކުމާރު އަދި މޯހަން ލާލް ފަދަ ފިލްމީ ތަރިން ހިމެނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްވެސް ރަޖިނީކާންތާއެކު މިފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެއެވެ. ރަޖިނީކާންތުގެ ސަޕޯޓަރުން އިންޑިއާގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވުމާއެކު މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީވެސް އިންޑިއާގެ އެކި ބަހުރުވަތަކުންނެވެ. އޭގެތެރޭގައި ހިންދީ ބަސްވެސް ހިމެނެއެވެ.
ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ރަޖިނީކާންތުގެ ފިލްމެއް އެންމެފަހުން ރިލީޒްކޮށްފައިވަނީ 2021ވަނަ އަހަރުއެވެ. މިފިލްމުގައި ބަތަލާ ތަމަންނާއާއެކު ކުޅެފައިވާ ލަވަ 'ކާވާލާ' އަށްވަނީ އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މިލަވަ ހިންދީ ބަހުންވެސްވަނީ ރިލީޒްކޮށްފައިވެއެވެ.
ފިލްމު "ޖެއިލާ" ރިލީޒްކުރުމުގެ މަރުހަލާގައި އޮތްއިރު ރަޖިނީކާންތު އިތުރު އެހެން ފިލްމަކުން ވެސް މިއަހަރު ފެންނާނެއެވެ. އެއީ "ލާލް ސަލާމް" ނަމަކަށްކިޔާ ފިލްމެކެވެ. މިފިލްމުގައި އެކްޓަރު ފެންނަނީ ޚާއްޞަ ފެނިލުމަކުންނެވެ.