04 Aug 2023, 22:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އިއްވި ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ދައްކަން ޖެހޭ ފަހު ތާރީޚެއް އެނގެން ނެތުމުން ސުޕްރީމް ކޯޓުގައި އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އެކޮމިޝަނުން ނިންމުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި އީސީން ބުނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް ތަންފީޒް ކުރަމުން ދާތީ އާއި ރައީސް ޔާމީންގެ ސާބިތު ދަރަންޏެއް އޮތަތީ ކަމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅާފައި ވަނީ ޖަލު ހުކުމުގެ ސަބަބުން ކުރިމަތިނުލެއްވޭނެ ކަމަށް ނިންމި ބައި އެކަންޏެވެ. ސާބިތު ދަރަންޏެއް އޮތް ކަމަށް އީސީން ނިންމި ނިންމުން މައްސަލައިގައި ނުހިމެނޭ ކަން އެ ކޮމިޝަނުން ފާހަގަކުރުމުން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލަައިގެ ވާހަކަ ހިމަނާފައިވާ ލިޔުން އީސީން ފޮނުވާފައިވަނީ އެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ހުކުމުން ފައިސާ ދައްކަން ޖެހޭ ކަން ސާފުވި ނަމަވެސް އެ ފައިސާ ދައްކަން ޖެހޭ ވަކި ތާރީޚެއް އެނގެން ނެތް ކަމަށެވެ.
ހުކުމެއް އެބަ އޮތް، އެ ހުކުމުގައި ފައިސާ ދައްކަން ޖެހޭކަން އެބަ އެނގޭ. އެކަމަކު ނޭނގޭ އެއްޗަކީ ހުކުމުގައި އެ ބުނާ މުއްދަތު ގުނާ ދުވަހާއި ބަންދު ދުވަސްތައް ކަނޑާފައި ޖޫރިމަނާގެ މުއްދަތު ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ ކޮބައިކަން ނޭނގެނީ. އަޅުގަނޑު މި ފައިސާ ނުދެއްކުމުގެ އެއްވެސް ގަސްތެއް އޮތީކީ ނޫނޭ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް ޔާމީން ވިދާޅުވީ އެ ތާރީޚު އާންމުކޮށް އަންގާ ފަރާތަކީ މީރާ ކަމަށް ވީ ނަމަވެސް، އާންމުކޮށް ކަން ކުރާ އުސޫލުން އެ ފައިސާ ހޯދުމަށްޓަކައި އެއްވެސް އިދާރާއަކުން އެމަނިކުފާނާ މުއާމަލާތް ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަ މިހާރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާތީ، ހައި ކޯޓުގެ ހުކުމެއް އެ މައްސަލައިގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ އެކަމަށް އިންތިޒާރު ކުރެއްވި ކަމަށެވެ.
އެ ހުކުމް ލިބިގެން ދާއިރު އީސީން ފާހަގަ ކުރާ މުއްދަތުވެސް ހަމަ ނުވާނެ ކަމަށާއި، މައިގަނޑު މައްސަލައަކީ ހައި ކޯޓުގައި އެމަނިކުފާނުގެ މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް އޮތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.