04 Aug 2023, 22:11
ހައިކޯޓަށް ހުށަޅާފައިވާ އެ މަނިކުފާނު އިސްތިއުނާފު ލަސް ވެގެން ދިއުމަކީ އެ މަނިކުފާނުގެ އިންތިޚާބީ ހައްގުތައް ގެއްލެން ޖެހޭނެ ސަބަބެއް ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމައިފައެވެ.
އެކަމަކު، އީސީގެ ނިންމުން، ޔަމީން ވަނީ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ދާ އެ މައްސަލައިގެ އަޑުއެހުމުގައި ޔާމީން ވަނީ، ހައިކޯޓަށް ހުށަހަޅާފައިވާ އެ މަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އަދި، އިސްތިއުނާފު ލަސްވުމަކީ އެ މަނިކުފާނުގެ އިންތިޚާބީ ހައްގު ގެއްލެންވީ ސަބަބެއް ނޫން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"އެންމެ ފަހުގެ އަޑުއެހުމާ ހިސާބަށް ގޮސްފައި، މިހާރު އޯވާ ވަން މަންތް [މަހެއްހާ ދުވަސް] މިވީ. އެހެންވީމާ އަޅުގަނޑު ދަންނަވަން މިއުޅެނީ އަޅުގަނޑުގެ އުފެއްދުމަކުން ނޫނޭ އަޅުގަނޑުގެ ހައްގު ގެއްލިގެން މިއުޅެނީކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހައްގެއް ނޫންތޯއޭ އިސްތިއުނާފު ކުރުމަކީ. އަދި ހަމަ އަޅުގަނޑުގެ ހައްގެއް ނޫންތޯއޭ އިންތިޚާބުގައި ކުރިމަތިލުމަކީ. އަދި، އަޅުގަނޑާ އެކީ އެތައް ހާސް ރައްޔިތުންނެއްގެ ހައްގެކޭ. ދަށު ކޯޓުން ކުރާ ހުކުމަކުން އެއީ އެ މީހާގެ މައްޗަށް އޮތް ޕާމަނަންސީއެއް އޮތް ހުކުމަކަށް ނުވޭ ނޫންތޯއޭ. އެހެންވެއްޖިއްޔާ އޭނާއަށް އެބަ ލިބޭ ނޫންތޯއޭ އިސްތިއުނާފުގެ މަރުހަލާ،"
އެ މަނިކުފާނު ވަނީ އަދުލު އިންސާފު ލިބުން މިހާ ދިގުލައިގެންދާ ސަބަބެއް ފަނޑިޔާރުން ކުރެން އައްސަވައިފައެވެ.
"އެއް ފަނޑިޔާރު ޗުއްޓީ ނެންގެވީ. އަދިވެސް އެ ފަނޑިޔާރު ވަޑައެއް ނުގަންނަވާ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ކަމަކީ ގާނޫނުގައި ލިޔާ ކަންކަމެއް ނޫން ކަމަށާއި ވަރަށް ގިނަ ކަންތައްތައް ދޫ ކުރަނީ ފަނޑިޔާރުންގެ ވިސްނުންފުޅާއި ކުރީގެ ނިންމެވުންތަކާއި އަދި ނަތީޖާއަށް ބަލާފައި ގޮތް ނިންމުމަށް ކަމަށެވެ. އެހެންވެ، އިންތިޚާބަށް ކުރިމަތިލާ މީހުންނާ މެދު ދައުވާތައް އުފެއްދުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޝަރީއަތް މަޖިލީސް ބާއްވައި ނުދެންޏާ، އެއީ ހަސްމެއްގެ މައްސަލައެއްތޯ، ފަނޑިޔާރެއްގެ މައްސަލައެއްތޯ،" ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗާ, ޔާމީން ސުވާލު ކުރެއްވިއެވެ.
"މިހާރު ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލަ، މިއީ 2021 ވަނަ އަހަރު ހުށަހެޅުނު މައްސަލައެކޭ. އަޅުގަނޑަށް އިސްތިއުނާފުގެ ފުރުސަތެއް ނުލިބޭނެ ނޫންތޯ 2022 ގެ ޑިސެމްބަރު 25 ގައި ހުކުމެއް އައިމާ. އެހާ ލަހުން މި ހުކުމް އައީ. އެހެންވީމާ އަޅުގަނޑަކަށް ނުލިބޭ ނޫންތޯއޭ އިސްތިއުނާފުގެ މަގުން ހިނގާކަށް،"
ޔާމީން ވަނީ ކުރިން ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް އިއްވި ޖަލު ހުކުމުން ސުޕްރީމް ކޯޓު މަރުހަލާއިން ސަލާމަތްވެވަޑައިގަތްކަން ފާހަގަ ކުރައްވައި، ހައްގު ކަށަވަރު ކޮށްދޭން އެދިވަޑައިގެންފައެވެ.
"ކޯޓުތައް ރިސެސްއަށް ދާއިރު، ކޮންމެ ފަހަރަކު އަޅުގަނޑުގެ ހުކުމް މި އަންނަނީ... ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު މިހާރު މި ދަނީ ހިފެހެއްޓިގެން. ހިފެހެއްޓިގެން މި ދަނީ ޖުޑިޝަރީގެ ތެރެއިން. އެއީ، އަޅުގަނޑުގެ އުފެއްދުމެއް ނޫނޭ،"
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ މައުސޫމްކަން ސާބިތު ކުރައްވަން، އިސްތިއުނާފީ ހައްގު ލިބެން ޖެހޭނެ ކަމަށެވެ. ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލައިގެ އިސްތިއުނާފު އަދިވެސް ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.