04 Aug 2023, 21:28
މާލޭގައި ފިރިހެނަކު ރަހީނުކޮށް އޭނާގެ އަތުން ފައިސާ އަތުލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީހަކު ރަހީނުކުރީ މާލޭ ގެސްޓުހައުސްއެއްގައި ކަމަށެވެ. އަދި، އޭނާއަށް އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ނަމަވެސް، ރަހީނުކޮށްފައި ވަނީ ކިތައް އަހަރު މީހެއް ކަމެއް ނުވަތަ އަތުލާފާއި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ، މިއަދު މެންދުރުފަހު 01:30ގައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރަހީނު ކުރުމުގެ ހާދިސާތައް ރާއްޖޭގައި މަދުން ނަމަވެސް ހިނގައެވެ.