ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތެއްގައި ވާދަ ކުރައްވަން ޕީއެންސީގެ ރިޔާސީ ޓިކެޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އެރުވި ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން ބޭނުންވާ ކަމުގެ އިޝާރާތެއް އެ ޕާޓީން މިރޭ ސުޕްރީމް ކޯޓުގައި ދީފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެހެންވެ، އީސީން ބުނެފައިވަނީ ޔާމީންގެ ޝަރުތު ހަމަނުވާނެ ކަމަށެވެ.

އެ މައްސަލަ، އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އީސީއަށް ހުށަހަޅުއްވައިފައެވެ. އަދި، ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައި ހާލަތެއްގައި ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ވަގުތު ދިނުމުގެ އަމުރަކަށް ވެސް އެ މަނިކުފާނު ފަރާތްޕުޅުން ވަނީ އެދިފައެވެ.

މިރޭ ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ގާނޫނީ ވަކީލު ހުސްނީ މުބާރަކު ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓާ މެދު ފަހު ބަސް ބުނަން އޮތީ ސުޕްރީމް ކޯޓުން ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ ހާލަތެއްގައި ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއް ގޮތްވާ ގޮތަށް އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ނޯންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެހެންވީމަ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ނެތި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭ ހާލަތެއް ވެސް ނުކުމެ ދާނެ،" އޭނާ ވިދާޅުވިއެވެ.

އެ ހިސާބުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ހުއްޓުވައިފައެވެ. އަދި، އިންތިޚާބުގައި ވާދަ ކުރައްވަން ޕީއެންސީގެ ރިޔާސީ ޓިކެޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އެރުވި ވާހަކައަށް ވަނީ އިޝާރާތް ކުރައްވައިފައެވެ.

ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ވާދަ ކުރަން، ޕީއެންސީން އިއްޔެ ވަނީ ނިންމައިފައެވެ. އަދި، އެ ހާލާތުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު މުއިއްޒު ކަނޑައަޅަން އެ ޕާޓީގެ ސެނެޓުން އިއްޔެ ވަނީ ނިންމައިފައެވެ.

"ޕީއެންސީ އަކީ އިތުރު ސިޔާސީ ޕާޓީއެއް، ޕީޕީއެމް އަކީ އިތުރު ސިޔާސީ ޕާޓީއެއް. އެހެން ކަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ގޮތުގައި ފަރާތެއް ކަނޑައަޅާފައި ހުރި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ޕީޕީއެމަށް ލިބިދެވޭ ހައްގެއް އެބައޮތް ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުން،" ހުސްނީ މުބާރަކު ވިދާޅުވިއެވެ.

އެއަށް ފަހުގައި އޭނާ ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތް ނަމަ އިންތިޚާބު އިންސާފުވެރިނުވާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވެސް ވިދާޅުވެފައިވާ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓެއް ނެރެން އުޅޭ ކަމުގެ އިޝާރާތެއް ވެފައިވާއިރު، އެ ކަމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕުން މިހާތަނަށް ޖަވާބެއް އަރުވައިފައެއް ނުވެއެވެ.