ސަރުކާރުން އަލަށް އުފައްދާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ، ހުޅުމާލޭގައި ހެދުމަށް ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ސަން މީޑިއާ ގުރޫޕަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެންވަޔަރުމެންޓް މިނިސްޓްރީ ހުޅުމާލެ އަށް ބަދަލު ކުރުމަކީ "ވަރަށް ގާތް ކަމެއް"' ކަމަށާއި އެކަން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިނަލް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެކަމުގައި ބަލަން ޖެހޭ ކަންތައްތައް ބަލައި އެކަން އެބަ ކުރިއަށް ދޭ. މި ބަލަނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ފައިނަލްވާނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފަހަރަށް މިނިސްޓްރީއެއް ހުޅުމާލެ އަށް ބަދަލުކުރުމަށް ވިސްނަނީ މާލޭގެ ތޮއްޖެހުން ކުޑަކޮށް މާލެއާ ގުޅިފައިވާ އެހެން ތަންތަން ތަރައްގީކުރުމުގެ ޕްލޭންގެ ދަށުން ކަމަށެވެ. އަދި ހުޅުމާލެއަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ ފަދަ މިނިސްޓްރީއެއް ހުރުން އެންމެ ރަނގަޅު ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މުވައްޒިފުންނަށް މާބޮޑު ދައްޗެއް ކުރިމަތިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެކޮޅުގައި [ހުޅުމާލޭގައި] އެބަ ހުރި ސަރުކާރުގެ އެކިއެކި އިމާރާތްތައް ވެސް، އެކޮޅުގައި އަނެއްކާ ފަސޭހަކޮށް ސާފުވައިގައި މުވައްޒިފުން ވެސް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ކަމަށް މި ބަލަނީ. ދެން އިންނާނީ މިނިސްޓަރުންނާއި މުވައްޒިފުންގެ ދަތުރު ފަތުރު، އެކަން އަޅުގަނޑުމެން ކޮންމެވެސް ގޮތަކަށް ހަމަޖެއްސީމާ އަޅުގަނޑަކަށް ހިޔެއް ނުވޭ މާބޮޑުދައްޗެއް ދިމާވާނެހެނެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީ ބަދަލުކުރުމުން ހަރަދު ބޮޑުނުވާނެ ކަމަށާއި އޭގެ ބަދަލުގައި އިމާރާތުގެ ހަރަދުތަކަށް ހިނގާ ހަރަދު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށާއި އެ ފައިސާ އެހެން ހަރަދުތައް ކުރުމަށް ހަމަޖެއްސޭނެ ކަމަށެވެ.

"މިސާލަކަށް؛ ބަލަމާ އެ ހަރަދުތަކުން އަޅުގަނޑުމެންނަށް ޓްރާންސްޕޯޓާއި މިކަންކަން ހަމަޖެއްސޭނެ. އޭރުން ވަކި ހަރަދު ބޮޑެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހަބަރާ އެކު ސަން އޮންލައިންއާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ވަނީ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މުވައްޒަފުން ބުނީ ބްރޭކްގަޑިއަށް ގެއަށް ނުދެވުމުން ކުރަން ޖެހޭ ހަރަދުބޮޑުވެ، ވަރަށް ބޮޑަށް އުނދަގޫ ވާނެ ކަމަށެވެ.

"ހަމަގައިމު ވެސް އެކޮޅުން ކެއުން ވެސް ގިނައިން ހަމަޖައްސަން ޖެހޭނީ. ބްރޭކް ގަޑީގައި އައިސް ދަރިފުޅުގެ ކަންކަންވެސް ކޮށެއް ނުލެވޭނެ. އަނެއްކާ ދަތުރުކޮށްފައި ބްރޭކްގަޑީގައި މާލެއަށް އައުން ވެސް އެއީ އަދި ފަސޭހަކަމަކަށް ނުވާނެ،" އެ މިނިސްޓްރީގެ މުވައްޒިފަކު ބުންޏެވެ.