05 Aug 2023, 10:00
ޕީޕީއެމްގެ ތެރޭގައި ލައްކަ ކަންކަން ހިނގައިފިއެވެ. އެތެރެ ގުޑުވާލައި، ޕީޕީއެމްގެ ވޯޓުތައް ބައިކޮށްލަން އެމްޑީޕީން ވެސް ލައްކަ ރޭވުންތައް ރާވައި، ލައްކަ ފަނިތައް އެތެރޭގައި އަޅުވައިފިއެވެ. ޕީއެންސީން ކެންޑިޑޭޓަކު ނެރެން އިރުޝާދު ދެއްވައި، ޖަލުގައި އޮންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މި ހިންގެވީ ސިޔާސީ 'މާސްޓަޕީސް' އެކެވެ.
މޭޔަރު ކަމަށް ހޮވިވަޑައިގަތުމާ އެކު މުއިއްޒު ގެންދެވީ ޕީޕީއެމަށް އަތްގަދަ ކުރަމުންނެވެ. ޔާމީނަށް ވަފާތެރި ސަޕޯޓަރުންގެ ހިތް އަތުލަމުންނެވެ. އަދި، ޔާމީން މިނިވަންނުވާނެ ކަމަށް ބަލައި، ސެނެޓުގެ މެޖޯރިޓީ ހޯދައި، ރިޔާސީ ޓިކެޓު ހޯދޭނެ ގޮތުގެ ރޭވުންތައް އޭނާ ގެންދެވީ ރާވަމުންނެވެ.
އެ ނޫން ހާލަތެއްގައި، ޓިކެޓު ނުލިބިއްޖެ ނަމަ، ދެން ހައްދަވާނެ ގޮތެއް ވެސް މޭޔަރު ރޭއްވެވިއެވެ. އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވީ ގޮތުގައި ޕީއެންސީގެ ޓިކެޓު ކަށަވަރު ކުރައްވަންދެން ވެސް، ރައީސް ޞާލިޙްގެ ރަނިންމޭޓު ލިސްޓުގައި އެންމެ ކުރީގައި އޮތީ މުއިއްޒުގެ ނަމެވެ. އެ ކަމުގެ މަޝްވަރާތައް ވެސް ސިއްރިއްޔާތުގައި ކުރިއަށް ގެންދިއައެވެ. އެއީ، ޕީޕީއެމްގެ ވޯޓުތައް ދަމައިގަންނަން ސަރުކާރުން ޖެހި ހިސާބެވެ.
އެކަމަކު، ޔާމީން އެ ހުރިހައި ސިއްރު މަޝްވަރާތަކާއި ރޭވުންތަކަށް ވުރެ ތޫނުފިއްޔެވެ. ހާމަ ވެގެންދިޔައީ، އެ މަނިކުފާނަކީ ސިޔާސީ މުފައްކިރެއް ކަމެވެ.
ބޭނުންފުޅު ބޭފުޅަކު ކެންޑިޑޭޓު ކަމަށް އިޚްތިޔާރު ކުރުމުގެ ބާރު، ތިން ފަހަރަށް ޔާމީނަށް އެރުވިއެވެ. އެކަމަކު، ގަސްތުގައި ތިން ފަހަރު ވެސް، މުއިއްޒުގެ ބާރު ހިނގާ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން އެންގެވީ، ސިޔާސީ ސަބަބުތަކަކަށްޓަކައެވެ.
އާރަށު މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމުގެ ސަބަބުން ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ޔާމީން އޮތީ ވިސްނަވަައިފައެވެ. އެކަމަކު، ޕީއެންސީ އަކީ އެ ހާލަތަށް ހުށަހެޅި ފަރުވާއެއް ނޫނެވެ. އެއީ، ސިޔާސީ ގޮތުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގެން ކަންކަން ކުރެއްވުމަށް އެ މަނިކުފާނު ކުޅުއްވި ވަރުގަދަ ގޭމެކެވެ.
ރައީސްގެ ރަނިންމޭޓުކަން ދޭން އުޅުނީ މުއިއްޒަށް
ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަކީ ސިޔާސީ ގޮތުން ވަރަށް ތޫނުފިލި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވަން، ބޭނުންފުޅުވާ 50 އިންސައްތަ ވޯޓު ގިނިކަންޏާ ކާމިޔާބު ނުކުރެއްވޭނެކަން އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
ތަކުރާރުކޮށް، ވިދާޅުވި ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެވޭނީ ތަފާތު ހިޔާލުތަކާ އެކު މަސައްކަތް ކޮށްގެންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު ވޯޓު ލާއިރުގައި އެއް ލައްކަ ވޯޓު ހޯދުން. ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް،" ރައީސް ކ. ގުރައިދުއަށް ވަޑައިގެން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެ ވިދާޅުވި ކުޑަކުޑަ ތަންކޮޅު ހަމަކޮށްލަން، އެ މަނިކުފާނު ޖެއްސެވި ހިސާބަކީ މުއިއްޒަށް ވެދާނެއެވެ. ނަން ނުޖަހަން ޝަރުތުކޮށް، ވާހަކަދެއްކެވި ރައީސްގެ ކެމްޕޭންގައި ވަރަށް އަރިސްކޮށް އުޅުއްވާ، އެމްޑީޕީގެ މަޖިލީސް މެންބަރަކު ވިދާޅުވީ، ޕީޕީއެމްގެ ވޯޓުތައް ހޯދުމަށް، މުއިއްޒު ރަނިންމޭޓަކަށް ހަދަން އެ މަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އަދި، އެ ކަމުގެ މަޝްވަރާތައް ވަރަށް ދުރަށް ދިޔައެވެ.
"ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވުމާ ހަމައަށް، ރަނިންމޭޓު ކަމުގެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މުއިއްޒު. ގާތްގަނޑަކަށް އެއްބަސްވުމަކަށް ވެސް އާދެވުނު،" ކުރިން ވާހަކަދެއްކެވި މެންބަރު ވިދާޅުވިއެވެ.
ސިޔާސީ ހިސާބު ޖަހާ ގޮތަކީ، އަބަދު ވެސް ރަނިންމޭޓުކަމާއި އެ ނޫން މަގާމުތައް ބަރޯސާ ވާނީ ގިނަ ވޯޓު ހޯދޭނެ މަގަށެވެ. ރައީސްގެ ރަނިންމޭޓު ލިސްޓަށް އިދިކޮޅުގައި ހުންނެވި މުއިއްޒުގެ ނަން އައީ އެހެންވެއެވެ. ޕީޕީއެމުން އިންސައްތައެއް އެމްޑީޕީއަށް ގެންދިއުމުގެ ވިސްނުމުގައެވެ.
އެކަމަކު، މުއިއްޒުގެ އަރިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ވިސްނުމަކަށް ވީ، ރިޔާސީ ޓިކެޓު ލިބޭނެ މަގެއް ނުފެނިއްޖެ ނަމަ ރަނިންމޭޓުކަން ގަބޫލުކުރައްވާށެވެ. އެއީ، މުއިއްޒު ގެންގުޅުއްވި ޕްލޭން ބީއެވެ. ޕީއެންސީން ޓިކެޓު ލިބޭނެ މަގެއް ފެނުން ހިސާބުން، ރަނިންމޭޓުކަން ދޫކޮށްލެއްވީއެވެ. ރައީސް ޞާލިޙްގެ ރަނިންމޭޓު ކަނޑައެޅުން ލަސްވީ އެހެންވެއެވެ.
ރައީސް ކުރިން، ވިދާޅުވީ ހުކުރު ދުވަހު [އިއްޔެ] ރަނިންމޭޓަކު ފައިނަލްކޮށް، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
"ހުކުރުދުވަހު އެންމެ ލަސްވެގެން އަޅުގަނޑު މި ގަސްތުކުރަނީ ރަނިންމޭޓަކާ އެކު ފޯމު ހުށަހަޅަން،" ރައީސް މިދިޔަ ބުދަ ދުވަހު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން، އީސީއަށް 48 ގަޑިއިރު ލިބޭއިރު، ބަލައިނުގަންނަން ނިންމާ ހާލަތެއްގައި ވެސް އަލުން ފޯމު ހުށަހެޅުމަށް ހުކުރު ދުވަހު ހުށަހެޅުން މުހިއްމު ކަމަށެވެ.
އެކަމަކު، ދުވަސް ނިމުނު އިރު ވެސް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެއް ނުވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި އެއީ ކުރިން ގެންގުޅުއްވި ރަނިންމޭޓު ޗޮއިސްއަށް ބަދަލުތަކެއް ގެންނަން ޖެހުމުން މެދުވެރިވި ލަސް ކަމެކެވެ.
އެ ކަމާ ގުޅިގެން މުއިއްޒާ ސުވާލު ކުރުމުން، އެއްވެސް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ. ދޮގެއް ވެސް ނުކުރައްވައެވެ.
އޭނާގެ ވިސްނުންފުޅަކަށްވީ، ޕީޕީއެމުން ޓިކެޓު ލިބޭނެ އެއްވެސް މަގެއް ނުފެނިއްޖެ ނަމަ، ރައީސްގެ ފަޅިއަށް އެރުއްވުމެވެ. އެކަމަކު، ތިން ފަހަރަށް ވެސް ޔާމީން އިރުޝާދު ދެއްވީ ސެނެޓުން ކެންޑިޑޭޓެއް ކަނޑައަޅާށެވެ. އެހެންވެ، ކެންޑިޑެސީގެ އުންމީދު މުއިއްޒަށް އާ ވީއެވެ. އެ އުންމީދު ދިނީ، ރައީސް ޖެއްސެވި ރަނިންމޭޓުގެ ހިސާބު ގޯސް ކޮށްލާށެވެ.
އެ ހިސާބުން ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ހުންނަވާފައި، ޓިކެޓު ހޯދަން ޕީއެންސީއަށް ވެސް ސޮއި ކުރެއްވީއެވެ. އެކަމަކު، ގޮސް ފެތުނީ ޔާމީން ޖެއްސެވި މަޅިއަށެވެ.
މުއިއްޒު ބޭރުކޮށްލީ
މޭޔަރުގެ މަގާމު ބޭނުން ކުރައްވައިގެން، ޕީޕީއެމަށް އަތްގަދަ ކުރާ މައްސަލަ އޮތީ މާ ކުރިން ހޫނުވެފައެވެ. ޕީޕީއެމްގެ ޓިކެޓަށް މުއިއްޒު ކުރެއްވި މަސައްކަތަކީ "އެންމެން ދަންނަ ބޮޑު ސިއްރެ"ކެވެ.
"ޕާޓީން ބޭރުކޮށްލަން ވެފައި މުއިއްޒު ހުރީ. ކަނޑައެޅިގެން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދެވީ. މުޅިން އުޅުނީ ޓިކެޓު ހޯދަން ކުރަން ޖެހޭ ކަންކަން ކުރާށާއި ޕާޓީ ތެރެއަށް ގަދަ ކުރަން. ޕާޓީގެ އަދި ރައީސް ޔާމީންގެ އެއްވެސް ކަމެއްގައި ނޫޅޭ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި، ޕީޕީއެމްގެ މަޖިލީސް މެންބަރަކު ވިދާޅުވިއެވެ.

މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު، ޕީއެންސީއަށް ސޮއި ކުރެއްވުން -- ފޮޓޯ/ ޕީއެންސީ
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ސެނެޓު މެޖޯރިޓީ ހޯދައިގެން، ރިޔާސީ ޓިކެޓު "ޖަހައިގަންނަން" މުއިއްޒު މަސައްކަތް ކުރެއްވީއެވެ. އެ ކަން، މާ ސާފުކޮށް ޔާމީނަށް އެނގިލައްވައެވެ. ސުވާލަކީ މިއީ އެހެންވެ، ގަސްތުގައި އޭނާއަށް ފެހި މަޅިއެއްތޯއެވެ.
ޕީއެންސީގެ ކެންޑިޑޭޓަކު ކަނޑައަޅައިދިނުމަށް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ލީޑާޝިޕުން އެދުމުން، ކެންޑިޑޭޓަކު ކަނޑައަޅާނީ ޕީއެންސީގެ ސެނެޓުން ކަމަށް ޔާމީން އެންގެވުން، ލީޑާޝިޕަށް ގަބޫލުކުރަން ދަތިވީ އެހެންވެއެވެ. ސެނެޓުގެ ކޮންޓްރޯލް ހޯއްދަވައިގެން، ޓިކެޓަށް މަސައްކަތް ކުރައްވަމުން ދިޔަ، މުއިއްޒަށް ލިބޭނެކަން ޔަގީންވާނެ ގޮތަކަށް އެ ނިންމެވުން ނިންމީމައެވެ.
ހަގީގަތުގައި ބޭނުންވީ، ޕީޕީއެމްގެ ނައިބު ރައީސްކަމުން މުއިއްޒު ބޭރު ކޮށްލާށެވެ. އަދި، ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭނާއަށް ނުލިބޭނެކަން ކަށަވަރު ކުރަން ކަމަށް، ޕީޕީއެމްގެ އެތެރޭގައި ތިއްބަވާ ބޭފުޅުން ގަބޫލުކުރައްވައެވެ.

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން، އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރޭ ކުރިއަށް ދިޔަ ޔާމީންގެ ކެންޑިޑެސީއާ ގުޅޭ މައްސަލައިގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވިދާޅުވީ އެ ފަދައިންނެވެ. މުއިއްޒަކީ ދެވަނަ ޗޮއިސް ނޫން ކަމަށާއި އެއީ، ޕީޕީއެމަށް އިތުރު ކެންޑިޑޭޓަކު ހުށަނޭޅިއްޖެ ހާލަތެއްގައި ނެރޭނެ ކެންޑިޑޭޓެއް ކަމަށެވެ.
އަދި، ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވެސް އެދިފައި އޮތް ގޮތަށް، ޕީޕީއެމްގެ ޓިކެޓުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއްގައި ވެސް ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނެރޭނެއެވެ. ޕްލޭން ބީއަކީ ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ޕްލޭން އޭ އަކީ އެ މަނިކުފާނު [ޔާމީން]. ޕްލޭން ބީއަކީ އެ މަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓެއް. ޕްލޭން ސީއަކީ ޕީއެންސީގެ ކެންޑިޑޭޓެއް ހުރުން،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ޕީޕީއެމަށް އިތުރު ކެންޑިޑޭޓެއް ކަނޑައެޅުމުގެ ފުރުސަތު އެ ޕާޓީގެ އަސާސީ ގަވާއިދުން ނުލިބޭ ކަމަށެވެ. އެހެންވެ، ޕީއެންސީގެ ކެންޑިޑޭޓެއް ދުރާލާ ނިންމީ، އެ ހާލަތަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ، ހަމައެކަނި އޭނާ ދެއްކެވި ވާހަކަފުޅެއް ނޫނެވެ. ޔާމީންގެ ރަނިންމޭޓު އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ރޭ ވިދާޅުވީ، ޔާމީން ނެތް ހާލަތެއްގައި ވެސް ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރޭނެ ކަމަށާއި މުއިއްޒަށް ތާއީދުކުރަން ޔާމީން ނިންމަވާނީ "ވޯސްޓް ކޭސް" ގައި ކަމަށެވެ.
"އޮލްޓަނޭޓިވް އެއް އަތުވެއްޖިއްޔާ ވެސް އަންނާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް. ޕީއެންސީ އަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ،" ޖަމީލް ވިދާޅުވިއެވެ.
އެހާ ފާޅުކޮށް، މީޑިއާގައި އެ ބޭފުޅުން އެހެން ވިދާޅުވުމަކީ ވަރަށް ބޮޑު މެސެޖެކެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަކީ ހަގީގަތުގައި މުއިއްޒު ޕާޓީން ބޭރު ކޮށްލަން ކުޅުނު ސިޔާސީ ގޭމެކެވެ. އެއީ، ޔާމީނަށް އިތުބާރު ނުކުރެވޭ ބޭފުޅަކު، އެ ޕާޓީގައި ބަހައްޓަން ބޭނުންފުޅު ނުވާތީއެވެ. އަދި، ޕީޕީއެމް ބައިކޮށްލަން ރޭވި ރޭވުންތައް ވެސް ހަލާކު ކޮށްލަން ޖަލުގެ ތޭރިތަކުގެ ތެރެއިން ޔާމީން ރޭއްވެވި ގޭމެކެވެ.
މޮހޮނަށް އޮޑި ދިން ހެން، މުއިއްޒަށް ޕީއެންސީގެ ޓިކެޓު ދިނީ ރައީސްގެ ރަނިންމޭޓު ޕްލޭން ފަނި ކޮށްލަން ކަމަށް ބެލެވެއެވެ. އަދި، މުއިއްޒަށް އަސްލު ޓިކެޓު ނުލިބޭނެކަން ޔަގީންކޮށް، ޕީޕީއެމްގެ ލީޑާޝިޕުން އެއް ފަރާތް ކުރާށެވެ.
ފަރިކޮށްފައި އެރުވީ ޅޮސް އުނދޯއްޔަށެވެ.