04 Aug 2023, 19:13
ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި ޕަބްލިކް ސޯލާ ޗާޖިން ސްޓޭޝަނެއް ރ. ވާދޫގައި ހުޅުވައިފިއެވެ.
ވާދޫގައި ހުޅުވި މި ޗާޖިން ސްޓޭޝަނަކީ ޔޫއެންޑީޕީގެ ޖެފް ސްމޯލް ގްރާންޓްސްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ރާއްޖޭގައި މުޅިން އަލަށް ހުޅުވި މި ވެހިކަލް ޗާޖިން ސްޓޭޝަންއަކީ ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް އަދި ވާދޫ ކައުންސިލް ގުޅިގެން ބިނާކުރި ތަނެކެވެ.
މިދިޔަ ބުދަ ދުވަހު ހުޅުވި ވެހިކަލް ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ، ޔޫއެންޑީޕީގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ފޯ ރެޒިލިއެންސް އެންޑް ކްލައިމެޓް ޗެންޖް އަހްމަދު ޝިފާޒެވެ.

ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި ޕަބްލިކް ސޯލާ ޗާޖިން ސްޓޭޝަން --
'ސަން'އަށް މައުލޫމާތު ދެމުން ވާދޫ ވަފްދު ޖަމިއްޔާގެ ރައީސް އަހްމަދު ޒިޔާއު ބުނީ، މިފަދަ ތަނެއް ހުޅުވުމުގެ އެންމެ ބޮޑު އަމާޒަކީ، ވާދޫއަކީ ވިހަ ގޭހުން ރައްކާތެރި ރަށަކަށް ހެދުން ކަމަށެވެ. އޭގެ ތެރޭގައި އިއާދަކުރުވަނިވި ހަކަތަ އުފެއްދުމާއި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ވާދޫގައި ދުއްވާ އުޅަނދުފަހަރު ބަދަލުކުރުމަށް ރައްޔިތުން ބާރުވެރިކުރުވުމަކީ އެންމެ ބޮޑު އެއް މަގްސަދު ކަމަށް ޒިޔާއު ބުންޏެވެ.
ވާދޫގެ ބަނދަރު ސަރަޙައްދުގައި ގާއިމުކޮށްފައިވާ އެ ސްޓޭޝަނުން މިހާރު ވެހިކަލްތައް ރަށުގެ އާންމުންނަށް ޗާޖު ކުރެވޭނެއެވެ.
ޒިޔާއު ބުނީ މި ޕްރޮޖެކްޓްގެ ދަށުން އިލެކްޓްރިކް ބަހެއް ވެސް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ބަސް ގެނައުމުގެ އަމާޒަކީ ސްކޫލް ކުދިންނާއި ރަށުގެ އާންމު ރައްޔިތުންނަށް ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް ގާއިމްކުރުންކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް ޑްރައިވަރެއް އަދި ނެތުމުން މިވަގުތު ޚިދުމަތް ދެމުން މިދަނި މުޅި ބަސް އެއްކޮށް ޗާޓާކޮށްގެން ދަތުރަކަށް 50 ރުފިޔާގެ ރޭޓުން ނަގާގޮތަށް. ދެން އޭގެ ބޭނުމަކީ އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ގިނަބަޔަކަށް ދަތުރުކުރުމުގެ ޚިދުމަތް ލިބިގެންދިޔުން.

ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި ޕަބްލިކް ސޯލާ ޗާޖިން ސްޓޭޝަން --
ބަހުގެ އިތުރުން ޗާޖިން ސްޓޭޝަންގައި ބެޓެރި ބައިސްކަލުތަކެއް ބެހެއްޓިފައިވާނެ ކަމަށް ޒިޔާއު ބުންޏެވެ. އެއީ ވާދޫއަށް ޒިޔާރާތްކުރާ ފަރާތްތަކުން ކުއްޔަށް ނަގައިގެން ރަށުތެރޭގައި ދަތުރުކުރުމަށް ބޭނުންކުރުމަށްޓަކައި ކަމަށް އޭނާ ވަނީ ބުނެފައެވެ. ރަށުން ބޭރުން ޒިޔާރާތްކުރާ މީހުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މި ބެޓެރި ބައިސްކަލުތައް ކުއްޔަށް ނެގޭނެ ކަމަށް ޒިޔާއު ބުންޏެވެ. މިއިން ކޮންމެ ބެޓެރި ބައިސްކަލެއް ކުއްޔަން ދޫކުރުމުގައު ޗާޖް ކުރާނީ މިނެޓަކަށް ބައި ރުފިޔާއަށްކަމަށް ޒިޔާއު ބުންޏެވެ.
ރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ. އަދި އެހެނިހެން ފަރާތްތަކަށް ވެސް. ދެން މި ޗާޖިން ސްޓޭޝަންގައި ބެހެއްޓިފައިވަނީ ޖުމްލަ ހަ ބެޓެރި ބައިސްކަލު.
ޒިޔާއު ބުނި ގޮތުގައި އުންމީދަކީ ވާދޫގައި މިހާރު ޕެޓްރޯލް އަޅައިގެން ބޭނުންކުރަމުން އަންނަ ވެހިކަލްތައް ބޭނުންކުރުން އެއްކޮށް ހުޓުވައި، އިލެކްޓްރިކް ވެހިކަލް ބޭނުންކުރުމެވެ.
އިލެކްޓްރިކް ވެހިކަލަށް ބަދަލުކުރުމުގައި ރަށުގެ ހުރިހާ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގަވާއިދުގައިވާ ގޮތުން ނަމަ ތެޔޮ އަޅައިގެން ބޭނުންކުރާ ވެހިކަލްތަކާ އެއްވަރަށް އިލެކްޓްރިކް ވެހިކަލްތަކަށް ފީ ނެގުމެވެ. ތިމާވެއްޓަށް ފައިދާތަކެއް ލިބޭ މިފަދަ އުޅަނދުތައް ބޭނުންކުރާ ފަރާތްތަކަށް އެއަށްވުރެ ލުއި ގޮތްތަކެއް ވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރަށުގެ ހުރިހާ އެންމެން ވެސް ގަބޫލުކުރެއެވެ.