04 Aug 2023, 12:11
ރަށްވެހިވެފައިވާ ރަށް ނޫން، އެހެން ތަނެއްގައި ވޯޓުލާ ފަރާތްތަކުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާ ހަމަވާނެކަން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަނދާންކޮށްދީފިއެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން 1414 ކަށް ގުޅައިގެން ނުވަތަ މެސެޖް ކޮތްގެން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރުމަށް އީސީން ވަނީ އެދިފައެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓުގައި، ވިދާޅުވީ، ރަށްވެހިވެފައިވާ ރަށް ނޫން، އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާ (2023 އޮގަސްޓު 5 ވާ ހޮނިހިރު ދުވަހު) ގެ ނިޔަލަށް، ހަމަވާނެ ކަމަށެވެ. އަދި އެއަށްފަހު ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
"މިހާރު ރަޖިސްޓަރީ ވެފައިވަނީ ވޯޓުލާ ދުވަހު ހުންނަ ރަށް ނޫންކަމަށް ވާނަމަ، ވޯޓުލައްވަން ބޭނުންފުޅުވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރައްވާ. ދެވަނަ ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ބައްލަވާ." ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް އިތުރު މުއްދަތު ދެވެންނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް ބުރޫއަރާނެތީ ކަމަށެވެ. އެހެންނަމަވެސް މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި ވޯޓުފޮށްޓެއް ނުބެހެއްޓޭ ހާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ލިބިގެންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެގޮތަށް ހަމައެކަނި ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
"އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ، ރީ-ރަޖިސްޓްރީގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ބޭފުޅުންނަށް އަދި ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް، އީސީ އިން އިލްތިމާސް ކުރަން،" ހަބީބު ވިދާޅުވިއެވެ.
މިހާރު ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކުރުމަށް VR space ID to 1414
ޖެހުމަށްފަހު، އައިޑީ ކާޑުގެ ނަންބަރު ޖެއްސުމަށްފަހު 1414 އަށް އެސްއެމްއެސް ކުރެވޭނެއެވެ.
ރިޔާސީ އިންތިޚާބަށް ރީރެޖިސްޓާ ވުމަށް ހުޅުވާލި މުއްދަތުގައި މިހާތަނަށް އޮންލައިންކޮށް ރީރެޖިސްޓާ ވުމަށް 22،882 ފޯމް ލިބިފައިވާއިރު އެއީ އެހެން އިންތިޚާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އަދި، ރީރެޖިސްޓާ ކުރާނެ ކަމަށް އީސީން ކުރިން ލަފާކޮށްފައި އޮތީ 42،000 މީހުންގެއެވެ.
މުޅި ރާއްޖޭގައި ޖުމުލަ 600 ވޯޓު ފޮށި މި އަހަރު ބެހެއްޓުމަށް ނިންމާފައިވާއިރު، 41 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން މިހާތަނަށް ވަނީ ހަމަޖެހިފައިއެވެ. އަދި ބޭރު ގައުމުތަކުގެ ތެރެއިން މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރު ކުރެވިފައި ވަނީ އިނގިރޭސި ވިލާތާއި، މެލޭޝިއާ އަދި އިންޑިއާގެ ޓްރިވޭންޑްރަމްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.
މި ރިޔާސީ އިންތިޚާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.