04 Aug 2023, 11:10
މިއަހަރުގެ ޖޫން މަހާއި ހަމައަށް ދުނިޔޭގެ އެންމެ ހަލުވި، އެވްރެޖް މޮބައިލް އިންޓަނެޓް ސްޕީޑް ލިބޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
"ސްޕީޑް ޓެސްޓް ގްލޯބަލް އިންޑެކްސް" އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އޮތީ އެ ލިސްޓުގެ 33 ވަނައިގައެވެ. ރާއްޖޭގެ އެވްރެޖް މޮބައިލް އިންޓަނެޓް ސްޕީޑަކީ، 69.91 އެމްބީޕީއެސް އެވެ.
އެ ލިސްޓުގެ އެއް ވަނައިގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އޮތް އިރު އެ ގައުމުގެ އެވްރެޖް މޮބައިލް އިންޓަނެޓް ސްޕީޑަކީ، 200.24 އެމްބީޕީއެސްއެވެ. ދެވަނައިގައި އޮތް ގަތަރުގެ އެވްރެޖް މޮބައިލް އިންޓަނެޓް ސްޕީޑަކީ، 182.98 އެމްބީޕީއެސްއެވެ. އަދި ތިން ވަނައިގައި އޮތް ކުވެއިތުގެ އެވްރެޖް މޮބައިލް އިންޓަނެޓް ސްޕީޑަކީ، 152.95 އެމްބީޕީއެސްއެވެ.
އެ ލިސްޓުގެ އެންމެ ދަށުގައި އޮތީ ސޫދާނެވެ. އެ ގައުމުގެ އެވްރެޖް މޮބައިލް އިންޓަނެޓް ސްޕީޑަކީ، 2.38 އެމްބީޕީއެސްއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި އެވްރެޖް ގޮތެއްގައި މޮބައިލް އިންޓަނެޓް މެދުވެރިކޮށް ފޯނުން ޑައުންލޯޑް ކުރާ މިންވަރު އުޅެނީ، 42.92 އެމްބީޕީއެސްއެވެ. އަދި މޮބައިލް އިންޓަނެޓް މެދުވެރިކޮށް އަޕްލޯޑްކުރުން އުޅެނީ، 10.28 އެމްބީޕީއެސްއެވެ.