މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން އަންނަ ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ނުވައެއް ވާ ބުދަ ދުވަހުގެ ހަވީރު 16:30ން ފެށިގެން 17:30 އަށް، ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން އޮންނާނެ ކަމަށެވެ. އަދި މި ގުރުއަތުލުން އޮންނާނީ، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، މި ރަސްމިއްޔާތުގައި ރިޔާސީ ކެންޑިޑޭޓަކަށް ބައިވެރި ނުވެވޭ ހާލަތުގައި މަންދޫބަކު ބައިވެރިވެ ކުރެވިދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަފްސީލް އެ ކޮމިޝަނުން ކެންޑިޑޭޓުންނަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މިހާތަނަށް ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް، ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ރިޔާސީ ކެންޑީޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ދަ ޑީމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބްގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫނާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.

ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އީސީން ބޭރުކޮށްލުމާއި ގުޅިގެން އެ މައްސަލަ ޕީޕީއެމުން ވަނީ މިހާރު ސުޕްރިމް ކޯޓަށް ހުށަހަޅާފައެވެ. އެކަމުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައިވާއިރު ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވުމަށް އިއްޔެ ވަނީ ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބާއްވައިފައެވެ. އެ އިންތިޚާބުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އާދަމް ޝަރީފާއި ވާދަކުރައްވައި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ރިޔާސީ ޓިކެޓް ހޯއްދަވައިފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބަށް ރީރެޖިސްޓާ ވުމަށް ހުޅުވާލި މުއްދަތުގައި އޮންލައިންކޮށް ރީރެޖިސްޓާ ވުމަށް 22،882 ފޯމް ލިބިފައިވާއިރު އެއީ އެހެން އިންތިޚާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އަދި، ރީރެޖިސްޓާ ކުރާނެ ކަމަށް އީސީން ކުރިން ލަފާކޮށްފައި އޮތީ 42،000 މީހުންގެއެވެ.

މުޅި ރާއްޖޭގައި ޖުމުލަ 600 ވޯޓު ފޮށި މި އަހަރު ބެހެއްޓުމަށް ނިންމާފައިވާއިރު، 41 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން މިހާތަނަށް ވަނީ ހަމަޖެހިފައިއެވެ. އަދި ބޭރު ގައުމުތަކުގެ ތެރެއިން މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރު ކުރެވިފައި ވަނީ އިނގިރޭސި ވިލާތާއި، މެލޭޝިއާ އަދި އިންޑިއާގެ ޓްރިވޭންޑްރަމްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.

މި ރިޔާސީ އިންތިޚާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.