03 Aug 2023, 23:26
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން އިސްލާހުކޮށް، އެތަކެތި ރާއްޖޭގައި ބޭނުންކުރުން މަނާވާނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ގަރާރަކުން މިއަދު ކަނޑަައަޅުއްވައިފިއެވެ.
މި ގަރާރުގައި މައިގަނޑު ދެ އައިޓަމަކަށް ވަނީ އިސްލާހު ގެނެވިފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވީނަމަވެސް، އެ ތަކެތި ރާއްޖެއަށް އެތެރެކުރާ މަރުހަލާގައި ސާމްޕަލްގެ ގޮތުގައި ނަގައިފައިވާ ބައެއް ކޮތަޅާއި އެހެނިހެން ގޮތްގޮތުން ނަގައިފައިވާ ސާމްޕަލްތައް ޓެސްޓުކުރުމުން، ގާތްގަނޑަކަށް ހުރިހާ ކޮތަޅެއްގެ ވެސް ބޯމިން 50 މައިކްރޯން އަށްވުރެ ތުނިކަމަށް ރެކޯޑްކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެ އިސްލާހު ގެނައުމުގެ މަގްސަދަކީ ކޮތަޅު އެތެރެކުރާ ފަރާތްތަކުން މިކަންކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމާއި މިކަމަށް ހޭލުންތެރި ކުރުވަން ވަގުތު ދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަލަށް ގެނެވުނު އިސްލާހާއެކު 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާވާނެ ތާރީޚަކީ އަންނަ ޖެނުއަރީ މަސް ކަމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެ ތަކެތި ރާއްޖޭގައި ބޭނުންކުރުން މަނާވާނެ ތާރީޚަކީ އަންނަ ޖޫން މަހުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް
މީގެއިތުރުން، ޕްލާސްޓިކް ޕެކެޓް ނޫން އެހެން ޕްލާސްޓިކުގައި ބަންދުކޮށްފައިވާ ސުޕާރީ ރާއްޖެއަށް އެތެރެކުރަމުން ދާކަން ފާހަގަކުރެވިފައިވާތީ، މި ބާވަތްތައް ހިމެނުމަށްޓަކައި، ޕްލާސްޓިކް ފެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާވާނެ ކަމަށް އެ ގަރާރުގައި ކަނޑައަޅާފައިވެއެވެ. އަދި މި ބާވަތްތައް ޖޫން މަހުން ފެށިގެން ރާއްޖޭގައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.