ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ޕީޕީއެމްގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރެން އިތުރު ވަގުތު ދިނުމަށް އަމުރުކޮށްދޭން އެދިފައިވާކަން އެނގިއްޖެއެވެ.

އިތުބާރުހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުވިފައިވާ ގޮތުގައި ޔާމީންގެ ކެންޑިޑެސީ ފޯމް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެފަދަ އަމުރަކަށް އެދިފައެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ނިންމުން ބާތިލްކޮށް، ކެންޑިޑެސީގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ އަމުރެއް ނެރެދެވެން ނެތްނަމަ، މުއްދަތު ހަމަވިޔަސް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން އިތުރު ކެންޑިޑޭޓަކަށް ފޯމު ހުށަހަޅަން ވަގުތު ދިނުމަށް އަމުރުކޮށްދޭން އެ މައްސަލައިގައި އެދިފައިވެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަން ޔާމީންގެ ގާނޫނީ ޓީމުން ބޭނުމެއް ނުވެއެވެ. ގާނޫނީ ޓީމުގެ ވަކީލުން ވިދާޅުވީ މާދަމާ ސުޕްރީމް ކޯޓުގައި އޮންނަ އަޑުއެހުމުގައި އެ މައްސަލައިގައި އެދިފައިވާ ކަންކަން ހާމަވާނެ ކަމަށެވެ.

ޔާމީނަށް ކުރިމަތިނުލެވޭ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމައި މިއަދު ވަނީ ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ސިއްރު ވޯޓެއް ނަގާފައެވެ. ދެ ވޯޓުގެ ތަފާތުން އެ އިންތިޚާބު ކާމިޔާބު ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޔާމީން އެދިވަޑައިގެންފައިވާ ފަދަ އަމުރެއް ނެރެފިނަމަ، ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން މުއިއްޒުގެ ބަދަލުގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އެހެން ކެންޑިޑޭޓެއް އައުމުގެ ފުރުސަތު އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އޮންނާނެއެވެ. އެކަމަކު މިފަދަ ހާލަތަކަށް ދިޔުމާއި ނުދިޔުން ބިނާވާނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށެވެ.