އެމްޑީޕީގެ އިންތިހާބީ ރައީސް އަދި ނައިބް ރައީސް ޑރ. އިބްރާހިމް ދީދީ އާއި އަލްހާން ފަހުމީގެ މައްޗަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރި މައްސަލައާ މެދު މާއްދަމާ ބާއްވާ އެ ކޮމިޝަންގެ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު ވިދާޅުވީ އަލްހާން އާއި ޑީޑީ އެ ޕާޓީގެ ލީޑާޝިޕުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށްތޯ އެކޮމިޝަނުން ބަލަމުން ދަނިކޮށް، ޑީޑީ އެ މައްސަލަ އެކޮމިޝަނަށް ހުށަހެޅުއްވުމާ އެކު އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި މާދަމާ ބާއްވާ އެ ކޮމިޝަންގެ ޖަލްސާއަށް ހުށަހެޅުމަށްޓަކައި އެމްޑީޕީން ހޯދަން ޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމައްސަލައިގައި އިތުރަށް ކުރިއަަށްދާން ޖެހޭ ނަމަވެސް އަދި އެނިންމުން ސައްހަ ކަމަށްވާ ނަމަ އެކަމެއް ވެސް މާދަމާގެ ޖަލްސާގައި ކަނޑައަޅާނެ ކަމަށެވެ.

ޑރ. ޑީޑީ އާއި އަލްހާން މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، ޑރ. ޑީޑީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ފުއާދު ވިދާޅުވީ އެ ކޮމިޝަންގައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފައިވާކަން އެކޮމިޝަނަށް އެނގިފައިވާ ކަމަށާއި ނަމަވެސް އެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާއި ބަދަލުތަކާ ގުޅިގެން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް އެކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ.

"ޑރ. ޑީޑީ ހުށަހެޅުއްވި މައްސަލައާއި އެމްޑީޕީގެ ނިންމުމާ މެދު ވެސް ކޮމިޝަނުން ރަސްމީކޮށް ބުނަން ޖެހޭ އެއްޗެއް ބުނާނީ މާދަމާ ބާއްވާ ކޮމިޝަންގެ ބައްދަލުވުމަށް ފަހު. އަސާސީ ގަވާއިދާ ގުޅުން ހުރި ބައެއް ލިޔުންތައް ކޮމިޝަނަށް ލިބިފައެއް ނުވޭ. އެމްޑީޕީ އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކާއި ނިންމާފައިވާ ނިންމުންތަކާ ބެހޭ ބައެއް ލިޔުންތައް ކޮމިޝަނަށް ހުށަހެޅިފައެއް ނުވޭ. ގަވާއިދުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅިފައިނުވާތީ ބޮޑުތި މައްސަލަތަކެއް އެބައުޅޭ، އެހެންވެ އެކަންތައްތައް ކޮމިޝަނުން ބަލަމުން މިގެންދަނީ،" ފުއާދު ވިދާޅުވި އެވެ.

ޑރ. ޑީޑީ އާއި އަލްހާން މަގާމުން ވަކިކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރީކޯ މޫސާ މަނިކުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ސިވިލް ކޯޓުން ވެސް ނިންމާފައިވާ އިރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް ހަމަޖެއްސުމަށް ބޭއްވި ގައުމީ މަޖިލީހުގެ ޔައުމިއްޔާ ވެސް އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"އެމްޑީޕީގެ އިދާރީ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާނީ އެމްޑީޕީގެ ވަގުތީ ޗެއާޕަސަން ކަމުގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކު ކަމަށް އެ ޕާޓީން ވަނީ އަންގާފައި. ނަމަވެސް އެމަގާމަށް މޫސާ ހަމަޖެއްސުމަށް ބޭއްވި ޖަލްސާގެ ޔައުމިއްޔާ ކޮމިޝަނަށް ލިބިފައިނުވާތީ އެލިޔުންތައް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" ފުއާދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން ޑރ. ޑީޑީ އާއި އަލްހާން ވަކިކުރި މައްސަލާގައި އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދެއްވުމަށް އެދިވަޑައިގެން ޑރ. ޑީޑީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ އިރު އަލްހާން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.