03 Aug 2023, 21:41
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭނުގެ ކަންކަމުގައި ޚަރަދު ކުރެވޭނެ އެންމެ މަތީ އަދަދަކީ 564 މިލިއަން ރުފިޔާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ކަނޑައަޅައިފިއެވެ.
އިންތިޚާބުގައި ޚަރަދު ކުރެވޭ ފައިސާގެ އަދަދު ކަނޑައަޅާނީ އެ އިރެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށް ވުރެ ގިނަ ނުވާނޭ ހެންނެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 282،395 މީހުންނަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ވާގޮތުން ކެންޑިޑޭޓުން ޚަރަދު ކުރުމަށް ނުވަތަ ބޭނުން ކުރުމަށް އަމިއްލަ ފަރުދުންނަށާއި ގާނޫނީ ޝަޚުސުންނަށް ވެސް ފައިސާ ހަދިޔާ ކުރެވޭނެއެވެ. މިފަދައިން ފައިސާ ދޭއިރު، ވަކި ފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2.8 މިލިއަން ރުފިޔާއެވެ. އަދި ގާނޫނީ ޝަޚުސަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11.2 މިލިއަން ރުފިޔާއެވެ.
އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ޚަރަދު ކުރުމަށް ނުވަތަ ބޭނުންކުރުމަށް އެހީ ނުދެވޭނެ ފަރާތްތައް
- ބިދޭސީން
- ބިދޭސީ ސަރުކާރުން ނުވަތަ ބިދޭސީ ޖަމާއަތަކުން
- ބައިނަލްއަގްވާމީ ޖަމާއަތްތަކުން
- ނަން ހާމަކުރަން ބޭނުން ނުވާ ފަރާތްތައް
- ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ދޭ އެހީ ފިޔަވާ ދައުލަތުގެ އިދާރާއަކުން ދޭ އެހީ
- ސަރުކާރު ހިއްސާއެއް ހިމެނޭ އެއްވެސް ކުންފުންޏެއް
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބާ ގުޅޭ ޚަރަދުތަކަށް ވަކިން އެކައުންޓެއް ހެދުމަށް ވެސް މީގެ ކުރިން އީސީން ވަނީ އެދިފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބާ ގުޅިގެން ކުރާ ހުރިހާ ޚަރަދުތަކަކާ އެކު ލިބޭ ފައިސާގެ އެހީވެސް ޖަމާކުރަން ޖެހޭނީ އެ އެކައުންޓަށެވެ.
މިފަދަ އެކައުންޓުތައް ފަސޭހައިން ވަކި ވަކި ކެންޑިޑޭޓުންނަށް ހުޅުވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އާ މަޝަވާރަކޮށްފައެވެ.