ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ރީރެޖިސްޓާ ވުމަށް ހުޅުވާލި މުއްދަތުގައި އޮންލައިންކޮށް ރީރެޖިސްޓާ ވުމަށް 22882 ފޯމް ލިބިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ރީރެޖިސްޓްރޭޝަނަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ހުޅުވާލި އިރު، އޮންލައިން ކޮށް ރީރެޖިސްޓާ ވުމުގެ މުއްދަތު ހަމަވެފައި ވަނީ ރޭ ދަންވަރު 12ގެ ނިޔަލަށެވެ.

އޮންލައިންކޮށް ރީރެޖިސްޓާ ވުމަށް ހުށަހަޅާފައިވާ ފޯމުގެ ތެރެއިން ބަލައިގެންފައި ވަނީ 18088 ފޯމު ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ބާކީ 4794 ފޯމު ވަނީ ރިޖެކްޓް ކޮށްފައެވެ.

މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ގިނަ ފޯމްތައް ރިޖެކްޓް ވަނީ އައިޑީ ކާޑު މުއްދަތު ހަމަވެފައި އޮތުމުން ކަމަށެވެ. އަދި ބައެއް ފަހަރު ރެޖިސްޓާ ވެފައި އޮންނަ ތަން ނުބަލާ ރީރެޖިސްޓާ ވުމަށް ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރީރެޖިސްޓާ ވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހަމަވާއިރު، ވީ އެންމެ އަވަހަކަށް ރީރެޖިސްޓާ ވުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރެއެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިން ރީރެޖިސްޓާވާ ފޯމު ދޫކޮށް، ބަލައިގަންނާނެއެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު، ދަރުބާރުގެ އިން ރީރެޖިސްޓާވާ ފޯމު ދޫކޮށް ބަލައިގަންނާނެއެވެ.

މީގެ އިތުރުން، ވެސް ރީރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ މާލޭގެ އެކި ހިސާބުތަކުގައި މަރުކަޒު ގާއިމްކޮށްފައެވެ.