މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިތުރު ބިދޭސީ ދެ ކުޅުންތެރިޔަކު ގެނެސްފިއެވެ.

މާޒިޔާ އިން ގެނެސްފައިވަނީ ގާނާ މިޑްފީލްޑަރު ރެގެން އޮބެންގް އާއި ކްރޮއޭޝިއާ ޑިފެންޑަރު ސެބަސްޓިއަން އެންޓިކްއެވެ. އެ ދެ ކުޅުންތެރިން ވެސް އެ ކްލަބަށް ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ.

ގާނާގެ އަސަންޓޭ ކޮޓޯކޯ އިން ކެރިއަރު ފެށި އުމުރުން 28 އަހަރުގެ ރެގަން ވަނީ ޔޫރަޕްގެ ކްލަބުތަކަކަށް ކުޅެފައެވެ. އޭނާ ވަނީ ސާބިއާގެ ފުރަތަމަ ޑިވިޝަނާއި ކްރޮއޭޝިއާގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެފައެވެ.

މާޒިޔާއާ ދެން ގުޅުނު އުމުރުން 31 އަހަރުގެ އެންޓިކް އަކީ އިރާގުގެ އެއާ ފޯސް ކްލަބާއެކު ދެ އަހަރެއްގެ އޭއެފްސީ ކަޕް ކާމިޔާބުކޮށްފައިވާ ޑިފެންޑަރެކެވެ. ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެންޓިކް ވަނީ ކްރޮއޭޝިއާ، ގަތަރު، އިރާގު، ޖޯޑަން, ސްލޮވޭނިއާ އަދި ކަޒަކިސްތާންގެ ކްލަބުތަކަށް ވެސް ކުޅެފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު މާޒިޔާ އިން ވަނީ ސާބިއާ ފޯވަޑެއްގެ ސޮއި ވެސް ހޯދައިފައެވެ. އުމުރުން 27 އަހަރުގެ ފޯވަޑް ވޮޖިސްލާވް ބަލަބަނޮވިޗް އަކީ މީގެ ކުރިން ސާބިއާގެ ކްލަބުތަކަކަށް ކުޅެ، ގޯލާ ރައްޓެހި ފޯވަޑެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ފޯވަޑެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ސާބިއާގެ ދެވަނަ ޑިވިޝަންގެ ކްލަބު، އާރްއެފްކޭ ނޯވީ ސާޑްއަށެވެ.

މާޒިޔާގެ ސްކޮޑުގައި މިހާރު ވެސް ބިދޭސީ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން މިސީޒަނަށް މާޒިޔާ އިން ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ސާބިއާގެ ފޯވަޑް ސްޓެފަން މިހައިލޮވިޗާއި މިޑްފީލްޑަރު އެލްޑާ ހަސަނޮވިޗްގެ މާބޮޑު ތަފާތެއް ފެނިފައެއް ނުވެއެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި މިހާރު އެ ޓީމުން ފެނިގެންދަނީ ޑިފެންޑަރު އެޑްގާރަސް ޒާސްކިސް އާއި ހަލީލް ގަމާލެވެ.

މާޒިޔާގައި ގިނަ އަދަދެއްގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނެއެވެ. އެގޮތުން ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) އާއެކު މިހާރުވެސް މާޒިޔާގައި ގައުމީ ޓީމުގެ ޖުމުލަ 14 ކުޅުންތެރިޔަކު ހިމެނެއެވެ. މިއަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗުގެ ފުރަތަަމަ 11 އިން ފެނިގެން ގޮސްފައިވަނީ ވެސް މުޅިން މާޒިޔާގެ ކުޅުންތެރިންނެވެ.

މިސީޒަނުގައި މާޒިޔާގެ އެންމެ ބޮޑު އަމާޒަކީ އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖު ފަހަނައަޅައި ދިއުމެވެ. މިހާތަނަށް އޭއެފްސީ ކަޕްގައި މާޒިޔާއަށް ނިންމާލަން ޖެހިފައިވަނީ ގްރޫޕު ސްޓޭޖުންނެވެ. އަންނަ މަހު ފަށާ އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި މާޒިޔާ ހިމެނޭނީ އިންޑިއާ ޗެމްޕިއަން އޮޑިޝާ އާއި ބަންގުލަދޭޝް ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާއެކުއެވެ. ދެން އެ ގްރޫޕުން ފުރުސަތު ލިބޭނީ ކޮލިފައިން ބުރުން ފުރުސަތު ހޯދާ ޓީމަކަށެވެ.

ކޮލިފައިން ބުރުގައި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް, ކްލަބު އީގަލްސް ވެސް ވާދަކުރާނެއެވެ. އީގަލްސްގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާއި ނޭޕާލްގެ މަޗިންދްރާ އެފްސީ އަދި ބޫޓާންގެ ޕަރޯ އެފްސީއެވެ. ކޮލިފައިން ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ.

މާޒިޔާ އިން ވަނީ މިސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން މާޒިޔާ އިން ދަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިވަގުތު މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައެވެ.