06 May 2012, 11:55
އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހުއްދަ ފަންޑިތަ ދަސްކޮށްދިނުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) އިން ހިންގި "ރުޤްޔާ ޝަރްޢިއްޔާ ފައުންޑޭޝަން ކޯސް"ގެ ބައިވެރިންނަށް ރޭ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ހުއްދަ ފަންޑިތަ ކޯހުގެ ބައިވެރިނަށް ސެޓްފިކެޓް ހަވާލުކުރުމަށް "ޝީ ބިލްޑިންގް"ގައި ރޭ ބޭއްވި ރަސްމިޔާތުގައި ކޯހުގެ ބައިވެރިނަށް ސެޓިފިކެޓް ހަވާލު ކޮށްދެއްވީ އިސްލާމިކް ފައުންޑޭޝަންގެ އިސްލާމީ މަޖިލީހުގެ ރައީސް އަބޫބަކުރު އިބްހިމް އާއި އެ މަޖިލީހުގެ ނައިބު ރައީސް ޝެއިހް އިބްރާހިމް ފަރީދެވެ.
މި ކޯހުގައި 113 މީހަކު ބައިވެރިފައިވާ އިރު ފިރިހެނުންގެ ތެރެއިން 27 މީހަކު އަދި 25 އަންހެނަކު ކޯސްފުރިހަމަކޮށް ސެޓިފިކެޓް ހާސިލް ކޮށްފައިވެ އެވެ.
އެ ރަސްމިޔާތުގައި ކޯހުގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ޝެއިހް ފަރީދު ދެއްކެވި ވާހަކަފުޅުގައި މި ކޯސް ފުރިހަމަ ކުރުމަށް ފަހު އަމަލީ މައިދާނުގައި ހަރަކާތްތެރިވާ އިރު ކުރާ މަސައްކަތަކީ އިހްލާސްތެރިކަމާ އެކު ކުރާ މަސައްކަތަކަށް ހެދުމަށް ގޮވާލެއްވި އެވެ.
އަދި ޖިންނީންގެ އުނދަގޫ ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ އިރު ޝައިތާނުގެ ވަސްވާހަށް ހެއްލި ޝިރުކުގެ ތެރެއަށް ނުވަދުމަށް ތަކުރާރުކޮށް ޝެއިހް ފަރީދު ވަނީ ކޯހުގެ ބައިވެރިންނަށް ނަސޭހަތްތެރިވެޑައިގެންފަ އެވެ.
ޤުރުއާނާއި ސުންނަތުގެ އަލީގައި ޖިންނި ޝައިތާނުން ކިބައިން ސަލާމަތްވާނެގޮތް ދަސްކޮށްދިނުމަށް އެއް މަސްދުވަހުގެ މުއްދަތަށް ހިންގި ގެންދިޔަ މި ކޯސްކުރިއަށް ހިންގީ މާޗް 16 ން 20 އޭޕްރީލް އަށެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މިދިޔަ އަހަރު ވެސް ހުއްދަ ފަންޑިތަ ކޯހެއް ހިންގާފައިވެ އެވެ.