03 Aug 2023, 17:48
އެންމެ ބޮޑު އެދުމަކީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކޯލިޝަން ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަދިވެސް ވާދަކުރެއްވޭނެ ފުރުސަތު ލިބުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެން ރައީސް ޔާމީންގެ އެންގެވުމާ ގުޅިގެން ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ ޑރ. މުހައްމަދު މުއިއްޒުއެވެ.
މުއިއްޒު އިންތިޚާބު ކާމިޔާބު ކުރީ 25 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
އިންތިޚާބު ކާމިޔާބު ކޮށް ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، އިންތިޚާބަކީ ޔާމީނަށް ވާދަނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެވަނަ އޮޕްޝަނެއްގެ ގޮތުން ބޭއްވި އިންތިޚާބެއްކަމަށާއި، އަދިވެސް އުންމީދު ކުރައްވަނީ ރައީސް ޔާމީނަށް ކުރިމަތިލެވޭނެ ގޮތް މެދުވެރިވުން ކަމަށެވެ. އަދި މާދަމާ އޮންނަ އަޑުއެހުމުގައި ރައީސް ޔާމީނަށް އިންސާފުވެރިކަމާއިއެކު މައްސަލަ ނިންމަވައިދެއްވުމަށް މުއިއްޒު ވަނީ ގޮވާލައިފައެވެ.
"އޮގަސްޓް ހަތެއްގެ ކުރިން އަޅުގަނޑުގެ ދުޢާ އަކީ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ލިބުން. މިއީ ރައީސް ޔާމީންގެ ދެ ޕާޓީ. އުންމީދަކީ އަޅުގަނޑުމެންނަށް މީގަ ކުރިއަށް ނުގޮސް ރައީސް ޔާމީނަށް ދެވޭނެ ގޮތް ވުން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެ މަސައްކަތަކީ ގައުމީ މަސައްކަތެއްގަ ގޮތުގައި ދެކިގެން ވާދަވެރިކަމާއި އެކުވެރިކަމާއިއެކު ކުރިއަށް ދިޔަ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ކަމަށެވެ. އަދި އޭނާ ވަނީ ސެނެޓުގެ މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ.
"މިއީ އެއް ޓީމެއް. އެއް ޓީމެއްގެ ގޮތުގައި ކުރިއަށް ގޮސްފިނަމަ ރަނގަޅުގޮތް ވާނެ." މުއިއްޒު ވިދާޅުވިއެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމްގެ ނާއިބު ރައީސްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރުމަށްޓަކައި މިއަދު އޭނާ ވަނީ އެ ޕާޓީއާ ގުޅިފައެވެ.
އިދިކޮޅު ކޯލިޝަނުން ޔާމީނަށް ތާއީދު ކުރި ނަމަވެސް އާރަށު މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ކެންޑިޑަސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމާފައެވެ.
އިދިކޮޅު ލީޑާޝިޕުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވަނީ ޔާމީން ކެންޑިޑޭޓެއް ކަނޑައަޅުއްވައިދެއްވަން އެދިވަޑައިގެންފައެވެ. އެކަމަކު، ވަކި ބޭފުޅަކު އިޙްތިޔާރު ކުރައްވަން ދެކޮޅު ހައްދަވައި، އެ މަނިކުފާނު ވަނީ އެ ބާރު ސެނެޓަށް ދޫކޮށްލައްވައިފައެވެ.