03 Aug 2023, 20:47
ފުލުހުންގެ ކްލިނިކް، ނޫސަންދައިގެ ގޮތްޕެއް އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުގައި ހުޅުވައިފިއެވެ.
މިއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ނޫސަންދައިގެ ފުރަތަމަ ކްލިނިކެވެ.
ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޚިދުމަތްދިނުމަށް ނޫސަންދައިގެ ނަމުގައި މި ކްލިނިކް ހުޅުވީ 2015 ވަނަ އަހަރު ފާހަގަ ކުރި ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.
އައްޑޫގައި ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ކްލިނިކް ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

އައްޑޫގައި ހުޅުވި ނޫސަންދަ ކްލިނިކްގެ އެތެރެ -- ފޮޓޯ/ ޕޮލިސް
ނޫސަންދަ ކްލިނިކުގެ ޚިދުމަތް އައްޑޫގައި ދޭން ފަށާފައިވާއިރު، ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ޚިދުމަތް ދެމުންދާނެއެވެ.
ހަމައެއާއެކު އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށްވެސް މި ކްލިނިކުން ފަރުވާދޭނެއެވެ.
ފުލުހުން ބުނީ މި ކްލިނިކުގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނާއި އެކިއެކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ދެމުންގެންދާނެ ކަމަށެވެ. އަދި ބޭސް ފިހާރައިގެ ޚިދުމަތާއި އެކްސްރޭ އަދި ސްކޭންކުރުމުގެ ޚިދުމަތްތައް ދެމުންގެންދާނެ ކަމަށެވެ.
މި ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޚިދުމަތް ދިން ނަމަވެސް ކުރިއަށް ދުވަސްތަކުގައި އާންމުންނަށް ވެސް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.