ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ސެނެޓްގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިޚާބު މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.

މުއިއްޒު އިންތިޚާބު ކާމިޔާބު ކުރީ 25 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި އެ ކޯލިޝަންގެ ފަރާތުން ކުރިމަތި ލުމަށެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރުމަށްޓަކައި މިއަދު އޭނާ ވަނީ އެ ޕާޓީއާ ގުޅިފައެވެ.

ޕީއެޗްޑީ ހައްދަވައިގެން ހުންނެވި މުއިއްޒަކީ ސަރުކާރު ހިންގެވުމުގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަކީ ވެސް ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ.

ދެން އޮތީ އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މާޒީއެވެ. ޕީޕީއެމްގެ ތާރީހުގައި އެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައީސް ޔާމީން 2013ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުންކަން ޔަގީނެވެ. އެއަށްފަހު 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރިއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އެފަދަ ކާމިޔާބީތަކެއް ޕީޕީއެމްއަކަށް ނުހޯދެއެވެ. މުޅިން ވެސް އައީ ބަލިވަމުންނެވެ.

އެ ހާލަތުގައި ޕީޕީއެމް އޮށްވައި ހީވެސް ނުކުރާހާ ބޮޑު ކާމިޔާބެއް މުއިއްޒު ހޯއްދަވަވައި ދެއްވިއެވެ. ދެހާސް އެކާވީސް ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަން މުއިއްޒު، އެމްޑީޕީއާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ހޯއްދެވިއިރު އެއީ ޕީޕީއެމްއަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ. އޭގެ ކުރިން މާލެއަކީ އެމްޑީޕީއިން ރަސްކަން ކުރަމުން ދިޔަ ސިޓީއެކެވެ. އެމްޑީޕީގެ ވެރިކަން އޮވެ، ރައީސް ޞާލިޙާއި ރައީސް ނަޝީދު އެކުގައި ނުކުންނަވައި ކެމްޕެއިން ކުރައްވަނިކޮށް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ ގިނަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ. ނަތީޖާތައް ދައްކާ ގޮތުން 61.32 ޕަސެންޓް މުއިއްޒު ހޯއްދެވިއިރު އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުލް ސައްތާރަށް ލިބިފައިވަނީ 36.97 އިންސައްތަ ވޯޓެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަތީޖާއެކެވެ.

މުއިއްޒު ޕީއެޗްޑީ ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ލީޑްސްއިންނެވެ. ޔުނިވާސިޓީ އޮފް ލަންޑަން އިން ސްޓްރަކްޗަރަލް އިންޖިނިއަރިން ގެ ދާއިރާއިން ބެޗްލާސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ޑރ. މުޢިއްޒު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވުމުގެ ކުރިން ހަމަ އެ ޔުނިވާސިޓީއިން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.