ދައުލަތުން މިހާތަނަށް ކޮށްފައިވާ ހަރަދު 4.5 ބިލިއަން ރުފިޔާ އަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީ އިން އެންމެ ފަހުން އާންމު ކުރި ދައުލަތުގެ މާލިއްޔަތުގެ ހިސާބުތަކުން ދައްކައިފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މިދިޔަ މަހުގެ 26 އަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 2.10 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ހަރަދުކޮށްފައި ވަނީ 4.5 ބިލިއަން ރުފިޔާ އެވެ. އެއީ 1.5 ބިލިއަންގެ ޑެފިސިޓެކެވެ. ދައުލަތުގެ ރިކަރަންޓް ހަރަދުތައް ނޫނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތަކަށް ތިން ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ކެޕިޓަލް ހަރަދުތަކަށް 387 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 1.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ މަސްދުވަހުތެރޭ ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރީ އޮފީސް ހިންގުމުގެ ހަރަދަށެވެ. އެއީ 1.6 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ މުވައްޒިފުންގެ މުސާރަ އާއި އެލަވަންސްތަކަށެވެ. އެކަމަށް ދައުލަތުން 1.5 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

އާމްދަނީގެ ގޮތުގައި ދައުލަތަށް އެންމެ ގިނައިން ފައިސާ ލިބުނީ ޓެކްސްގެ ގޮތުގަ އެވެ؛ ޓެކްސްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ދައުލަތަށް 870 މިލިއަން ރުފިޔާ ލިބިފައިވާ އިރު ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 53،336،403ރ. އެވެ.

ދައުލަތުގެ ހަރަދުތައް ހަތަރު މަސް ދުވަހުގެ ތެރޭ ހަތަރު ބިލިއަން ރުފިޔާ އަށް އަރައި އޭގެތެރެއިން ބޮޑު ބައެއް ރިކަރަންޓް ހަރަދުތަކަށް ދިޔައިރު މިދިޔަ ފެބުރުއަރީ މަހު ބޭރުގެ ދަރަނި އުޅެނީ 10.6 ބިލިއަން ރުފިޔާގަ އެވެ. ސަރުކާރުން މިއަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެން ކަމުން ދައުލަތުގެ ޑެފިސިސޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.