ކޮންމެ އަހަރަކު ވެސް ފޯރިގަދަކޮށް ބާއްވާ އުރީދޫ މަސްރޭހުގެ މިއަހަރުގެ މުބާރާތް މަދަމާ މާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ މާލޭ މުބާރާތުގައި ޖުމްލަ 34 ޓީމަކުން ބައިވެރިވެއެވެ. މާދަމާ މެންދުރު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 9ގެ ކުރިން އާދެއެވެ.

މާލޭގެ އިތުރުން މިފަހަރުގެ މުބާރާތް ރާއްޖޭގެ އެހެނިހެން ސިޓީތަކުގައި ވެސް ކުރިއަށްދެއެވެ. އެ ސަރަހައްދުތަކުގައި ވެސް މިމަހުގެ ތެރޭގައި މުބާރާތް ބާއްވާނެއެވެ.

  • ކުޅުދުއްފުށި: އޮގަސްޓް 11

  • އައްޑޫ: އޮގަސްޓް 18
  • ފުވައްމުލައް: އޮގަސްޓް 25

މާލެއިން ބައިވެރިވާ ޓީމްތަކުގެ އިތުރުން، ކުޅުދުއްފުށިން 23 ޓީމާއި އައްޑޫން 13 ޓީމާއި، ފުވައްމުލަކުން 13 ޓީމް އެ މުބާރާތުގައި ވާދަކުރެއެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 160،000ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކޮންމެ ސަރަހައްދަކުން ތިރީގައިވާ ވަނަތައް ހޮވާނެއެވެ.

  • އެއްވަނަ ޓީމް: 25،000 ރުފިޔާ

  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު ކެޔޮޅު (އަންހެން/ ފިރިހެން): 1000 ރުފިޔާ

މިފަަހަރުގެ މަސްރޭސް ބާއްވަނީ އުރީދޫގެ 18ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. ޖުމްލަ 83 ޓީމާއެކު މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތެވެ.