03 Aug 2023, 12:53
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި މައްސަލައަށް ތަދައްޚުލްވާން އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ނިންމައިފިއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ. ރައީސް ޔާމީންގެ ރިޔާސީ އޭޖެންޓު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު "ސަން" އަށް ވިދާޅުވީ، ޕީޕީއެމުން އެ މައްސަލައިގައި ހިމެނޭ ފަރާތެއްގެ ގޮތުގައި ހިމެނުމަށް އެދި ފޯމު ހުށަހެޅުމަށް އެ ޕާޓީން ނިންމާފައި ވާ ކަމަށާއި، ފޯމު ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.
"ފޯމު ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ވަރަށް އަވަހަށް ހުށަހަޅާނަން." ތޮލާލް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޔާމީންގެ ކެންޑިޑެސީ ހުށަހެޅި ނަމަވެސް އީސީން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ.
ނަމަވެސް މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް އޮވެއެވެ. ޔާމީންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ދެކިއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:30 އަށެވެ. ގާނޫނުގައި ބުނާ ގޮތުން ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި ގޮތް ނިންމަން ޖެހޭނެއެވެ.
ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވުމަށް އީސީއަށް ވެސް އަންގާފައެވެ.