ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ރަނިން މޭޓު ހޮނިހިރު ދުވަހު އިއުލާން ކުރަން ނިންމައިފިއެވެ.

އެމްއެންޕީން ބުނީ ރަނިން މޭޓު އިއުލާން ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

"އުޖާލާ ޒަމާން" މެނިފެސްޓޯގެ ދަށުން ނާޒިމް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، މެނިފެސްޓޯގައި ހިމެނޭ ބައެއް ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކޮށްދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ 30 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން ހުއްޓާލުމާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން ހިމެނެއެވެ.

ނާޒިމްގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ބޮޑަށް ބެލެވެނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ. އެމްއެންޕީއަކީ ޖުމްހޫރީ ޕާޓީން ވަކިވުމަށް ފަހު ނާޒިމް އާއި ރިޔާޒު އިސްވެ އުފެއްދި ޕާޓީއެކެވެ.

ނާޒިމްގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން ދެން އިއުލާން ކޮށްފައި ވަނީ އެމްޑީޕީން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބުގެ އިތުރުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކެންޑިޑަސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައެވެ. ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީން ވާދަކުރަން މިހާރު ރަސްމީކޮށް ނިންމާފައި ވާއިރު އެ ޕާޓީން ވެސް ކެންޑިޑޭޓެއް ހާމަ ކުރާނެއެވެ.