މިދިޔަ މަހު 29 އިން މި މަހު 3 ކަށް ދުބާއީގައި ބޭއްވި އަރަބި ޓުރެވަލް މާޓް ފެއާ އަކީ ވަރަށް ކާމިޔާބު ފެއާއެއް ކަމަށް ޓޫރިޒަމް މިނިސްޓުރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓުރީގެ ނައިބް މުހައްމަދު މަލީހު ވިދާޅުވީ އެ ފެއާގެ ސަބަބުން އަރަބި މާކެޓްގައި ރާއްޖެ އިސްތިހާރު ވެއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އަރަބި މާކެޓުން ރާއްޖެ އަށް ގިނަ ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިހާރު ރާއްޖޭގައި މެދު އިރުމަތީގެ މާކެޓް ފުޅާވެގެން އަންނަ އިރު މިފެއާގެ ސަބަބުން އެކަމަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބުނު،" މަލީހު ވިދާޅުވި އެވެ.

ދުބާއީގައި ބޭއްވި އެ ފެއާގައި ރާއްޖޭގެ 16 ރިސޯޓާއި 17 ޓްރެވަލް އޭޖެންސީއަކުން ބައިވެރިވި އެވެ.
މަލީހު ވިދާޅުވީ ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން މިއަހަރު ތެރޭގައި އިތުރު ފެއާތަކެއްގައި ބައިވެރިވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްތިހާރު ކުރުމުގެ ގޮތުން ތަފާތު ފެއާތަކުގައި ބައިވެރި ވަމުންނެވެ.