03 Aug 2023, 08:13
އުމުރުން ދޮށީ އެކްޓަރުންނާ އެކީ މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ބެލުންތެރިންގެ ސަމާލުކަން ބޮޑަށް ހުންނަން ވާނީ ފިލްމީ ތަރިންގެ ހުށަހެޅުންތަކަށް ކަމަށް ދެކޭކަމުގައި ބަތަލާ އަނަންޔާ ބުނެފިއެވެ.
އަނަންޔާ މިގޮތަށް ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ބަތަލާގެ ފިލްމު "ޑްރީމް ގާލް2"ގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައި ނޫސްވެރިޔަކަށް ޖަވާބު ދެމުންނެވެ.
މި އަހަރު ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ ސީކުއަލް "ޑްރީމް ގާލް2"އިން ބަތަލާ އަނަންޔާ ފެންނާނީ ފިލްމީ ތަރި އަޔުޝްމާނު ކުރާނާއާ އެކުއެވެ.
އަޔުޝްމާންއާއި އަނަންޔާގެ އުމުރުގެ ދެމެދު 14 އަހަރުގެ ތަފާތު ހުރުމުން ފިލްމުގެ ޝޫޓިންގްތެރޭ އެކަން އިހުސާސްކުރެވުނުތޯ ނޫސްވެރިންވަނީ ބަތަލާއާ ސުވާލުކޮށްފައެވެ. ނަމަވެސް އަނަންޔާ ބުނެފައިވަނީ ފިލްމީ ތަރިން އެކަކު އަނެކަކަށް އެކަން އިހުސާސް ނުވެ އެކީގައި މަސައްކަތްކުރަން ފަސޭހެނަމަ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ފިލްމީ ތަރިންގެ އުމުރުގެ މައްސަލައަކީ އަބަދު ވެސް އިންޑަސްޓްރީގައި މަޝްވަރާ ކުރެވެމުންދާ ކަމެއް ކަމަށާއި އަނަންޔާ އެއްވެސް ވަރަކަށް އެ ކަމަށް ސަމާލުކަން ނުދޭ ކަމަށް ވަނީ ބުނެފައެވެ. އަނަންޔާ މިމޭރުމުން ވާހަކަ ދައްކާފައިވާއިރު ބަތަލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑު ފެތުރިފައިވާ ފިލްމީ ތަރި އަދިތުޔަ ރޯއި ކަޕޫރަކީ ވެސް އަނަންޔާއަށްވުރެ 13 އަހަރު ދޮށި އެކްޓަރެކެވެ.
ފިލްމު "ޑްރީމް ގާލް2"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލާފައިވާއިރު މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްވި ފިލްމު "ޑްރީމް ގާލް"ގެ ސީކުއަލްއެކެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ރާޖް ޝާންދިލްޔާ ޑައިރެކްޓްކުރާ މި ފިލްމަކީ އެކްތާގެ ބާލާޖީ މޯޝަން ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ. އަޔުޝްމާނު ވަރަށް ތަފާތުގޮތަކަށް ފެންނަ މިފިލްމަކީ، ހެއްވާ މަޖާ ކޮމެޑީ ޑްރާމާއެކެވެ. މިފިލްމުގެ ކާސްޓުންގެތެރޭގައި ޕަރޭޝް ރަވަލް، ރާޖްޕަލް ޔާދަވް، މަނޯޖް ޖޯޝީ އަދި ވިޖޭ ރާޒް ހިމެނެއެވެ.