03 Aug 2023, 08:58
މީގެ ދެ އަހަރުކުރިން ޑައިރެކްޓަރު ފަރުހާން އަހްތަރު އަދި ޒޯޔާ އަހްތަރު އިއުލާނުކުރި ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޒޯޔާ ބުނެފިއެވެ.
މިފިލްމުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް ޒޯޔާ ބުނެފައިވަނީ ފިލްމުގެ މަސައްކަތް މެދުކެނޑިފައިވާކަމުގެ ޚަބަރުތައް ފެތުރިފައިވަނިކޮށެވެ.
ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާ މިފިލްމުގެ ކާސްޓުންގެތެރޭގައި ބަތަލާ އާލިއާ ބަޓް، ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ހިމެނެއެވެ. ފިލްމުން ޕްރިޔަންކާއާއި އާލިއާ ވަކިވެފައިވާކަމުގެ ޚަބަރުތައް ފެތުރިފައިވީނަމަވެސް އެކަން ޒޯޔާގެ ފަރާތުން ކަށަވަރެއް ނުވެއެވެ.
މީގެކުރިން މިފިލްމުގެ މަސައްކަތް މިއަހަރުތެރޭ ފަށަން ނިންމި ނަމަވެސް ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ ބަތަލާއިންނަށް މިއަހަރުތެރޭ ފިލްމަށް ވަގުތު ދެވޭގޮތްވަނީ ނުވެފައެވެ. އެހެންކަމުން ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަހްތަރު މިހާރު އިންތިޒާރުކުރަނީ ބަތަލާއިންނަށް ފިލްމަށް ތާރީޚުތަކެއް ދެވޭނެ ދުވަހަކަށްކަމަށް ޒޯޔާވަނީ ބުނެފައެވެ.
މިފިލްމުގެ މަސައްކަތް ނުފެށި ލަސްވުމުން ބަތަލާ ޕްރިޔަންކާވަނީ ހޮލީވުޑްގެ ފިލްމެއްގެ މަސައްކަތް ފަށާފައެވެ. ޕްރިޔަންކާ ބުނެފައިވަނީ މިއީ ބަތަލާގެ ވަރަށް ގާތް ރަޙްމަތްތެރިންތަކެއް އުފައްދާ ފިލްމެއްކަމުން މިފިލްމަށް އޭނާ ވަގުތު ހުސްކުރާނެކަމަށެވެ. އަދި އުއްމީދަކީ އަންނަ އަހަރުތެރޭ ފިލްމުގެ މަސައްކަތް ފެށުންކަމަށް އޭނާ ވަނީ ބުނެފައެވެ.
މިފިލްމާ ބެހޭގޮތުން ޒޯޔާ ވާހަކަދައްކާފައިވާއިރު ކާސްޓުންނަށް އެއްވެސް ބަދަލެއްއައިކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޒޯޔާ އަހުތަރު އަމިއްލައަށް ވާހަކަ ލިޔެ ސްކްރިޕްޓް ތައްޔާރުކުރާ މިފިލްމަކީ، ބަތަލާއިން ލީޑްކުރާނެ ފިލްމެކެވެ. ޒޯޔާ ބުނެފައިވަނީ، ކޮމެޑީ ފިލްމަކަސް ނުވަތަ ތްރިލާއެއް ނުވަތަ ޑްރާމާ ފިލްމަކަށްވިޔަސް އަންހެނުންނަށް ހާއްސަ ފިލްމުތަކެއް އުފެއްދުން މުހިއްމުކަމުގައެވެ. މިފިލްމަކީ 2011ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑޮން"އަށްފަހު ފަރުހާން ޑައިރެކްޓްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ.