03 Aug 2023, 07:59
އާރްބީ ލައިޕްޒިގްގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް، މެންޗެސްޓާ ސިޓީއާ ގުޅުމަށް އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ކުރިއަށްއޮތް ސީޒަނަށް ސިޓީން ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރާ ކުޅުންތެރިޔަކީ ގުވާޑިއޯލްއެވެ. ސިޓީން ގުވާޑިއޯލް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އޭނާއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް މީގެ ކުރިން ލައިޕްޒިގްގެ ވެރިން ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގިނަ މަސައްކަތްތަކަކަށްފަހު، ލައިޕްޒިގުން ސިޓީއަށް ގުވާޑިއޯލް ދޫކޮށްލުމަށް އެއްބަސްވެފައިވަނީ 77 މިލިއަން ޕައުންޑް (98 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއަކަށެވެ. އުމުރުން 21 އަހަރުގެ ގުވާޑިއޯލް މެޑިކަލް ފުރިހަމަކުރުމުން، މި ހަފުތާގެ ފަހުކޮޅު ސިޓީން އޭނާ އިއުލާންކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ އަގަށް ގުވާޑިއޯލް ސިޓީއަށް ސޮއިކޮށްފި ނަމަ، އޭނާ ވެގެންދާނީ ފުޓުބޯޅައިގެ ތާރީހުގައި ދެވަނައަށް އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަކީ 2019 ވަނަ އަހަރު ލެސްޓާ ސިޓީން 80 މިލިއަން ޕައުންޑް (101 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އެވެ. އަދި އޭނާއަށް ފަހު ދެން އެންމެ އަގުބޮޑު ޑިފެންޑަރަކީ 2018 ވަނަ އަހަރު ސައުތުހެމްޓަނުން 75 މިލިއަން ޕައުންޑް (95 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ލިވަޕޫލާ ގުޅުނު ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ.
ގުވާޑިއޯލް އެންމެ ފާހަގަކޮށްލެވިފައިވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ކްރޮއޭޝިއާއަށް ދެއްކި މޮޅު ކުޅުމުންނެވެ. ސިޓީން ވަނީ ކުރިއަށްއޮތް ސީޒަނަށް ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވިސިޗް ވެސް ހޯދައިފައެވެ. ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ކޮވަސިޗް، ސިޓީއާ ގުޅުނީ 25 މިލިއަން ޕައުންޑް (32 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.