06 May 2012, 10:02
މާލެ އާއި ހުޅުމާލެ އާއި ދެމެދު އެޅުމަށް ނިންމާފައިވާ ބުރިޖުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން 10 ކުންފުޏަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހައުސިންގް މިނިސްޓްރީ ހުޅުވާލައިފި އެވެ.
ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ބުރިޖް އެޅުމުގެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށާއި އެކަމަށް އެދި 18 ކުންފުންޏަކުން ކުރިމަތިލީ ކަމަށެވެ. އަދި އެ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި 10 ކުންފުންޏެއް ޝޯޓްލިސްޓްކޮށް ބްރިޖްގެ ކުރެހުމެއް ހުށަހަޅަން އެ ކުންފުނިތަކުން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ފަހުކޮޅު އެފުރުސަތު ހުޅުވާލީ ކުރިމަތިލާން 18 ކުންފުންޏަކުން ކުރިމަތިލީމާ އެއިވެލުއޭޝަން ފުރުސަތުނިމި ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތަށް އަޅުގަނޑުމެން ރިކުއެސްޓް ހުށައެޅީ ޑިޒައިއިން ހުށަހަޅަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑިޒައިން ހުށަހެޅުމަށް އެ ކުންފުނިތަކަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށާއި ބްރިޖުގެ މަސައްކަތް ޓެންޑާ ކުރަންވާއިރު އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ބުރިޖުގެ މަސައްކަތް ކުރަން އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުއަށް ބޭނުންވާ ފައިސާގެ އެއްވެސް ކަމެއް ހަމަޖައްސާފައިވާކަން ލިޔެކިޔުމަކުން ފެންނަންނެތްކަމަށެވެ. ނަމަވެސް ބްރިޖަކީ މާލެސަރަހައްދުގެ ރައްޔިތުންގެ އުއްމީދަކަށް ވުމާ އެކު އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް މިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅު ވިއެވެ.
"ބުރިޖުއެޅުމަކަށް ފައިސާ އެއް ނެތް ބަޖެޓް ކޮށްފައެއް. އެމަސައްކަތައް ބޭނުންވާ ފައިސާ ހޯދުމަށް އަޅުގަނޑުމެން މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އެކި ސަރުކާރުތަކުން ވެސް މިމަސައްކަތަށް އެއްބާރުލުން ދެއްވާ ކަހަލަ ސިގުނަލް އެބަލިބޭ. މަސައްކަތް ޓެންޑަރު ކުރަންވާ އިރަށް ރަނގަޅުގޮތްތަކެއް ހަމަޖެހޭނެ ކަމަށް މިބަލަނީ،" މުއިއްޒު ވިދާޅު ވިއެވެ.
ކުރީގެ ސަރުކާރުން ބުނެފައި ވަނީ ބްރިޖްގެ މަޝްރޫއަށް ޖުމްލަ 70 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށެވެ.