03 Aug 2023, 00:27
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވާދަ ކުރެއްވިއްޖެ ހާލަތެއްގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެމަނިކުފާނުގެ އަރިހުގައި ތިން ފަހަރު އެދުމުން ވެސް ޖަވާބެއް ނުދެއްވައި އެ އިޚްތިޔާރު ޕީއެންސީއަށް ދޫކޮށްލައްވައިފިއެވެ.
އިންތިޚާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް ބަލައިނުގަތުމަށް އެކޮމިޝަނުން ނިންމާފައިވާއިރު، ފޯމު ހުށަހެޅުއްވުމުގެ ކުރިންވެސް އެމަނިކުފާނު ވަނީ ވަކި ނަންތަކެއް ފޮނުވުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް ޔާމީން ދައްކަވާ ކެންޑިޑޭޓަކާއި ރަނިން މޭޓަކަށް ލީޑަޝިޕުން ތާއިދު ކުރާނެ ކަމަށް ވިދާޅުވެ އެ ބޭފުޅުން ވަނީ ދެވަނަ ފަހަރު ވެސް އެ އިޚްތިޔާރު އެމަނިކުފާނަށް ދޫކޮށްލާފައެވެ. ނަމަވެސް އެއްވެސް ނަމެއް ނުހިމަނުއްވައި، އެކަމާ މެދު ސެނެޓުން ގޮތެއް ނިންމަވަން އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެއާއެކު މާދަމާ ހެނދުނު ސެނެޓުގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލް ކޮށްފައިވާ ކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ. މި ބައްދަލުވުން 10:00 އަށް ތާވަލް ކޮށްފައިވާއިރު، އެޖެންޑާ ގައި އޮތީ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމާ މެދު ގޮތެއް ނިންމުމެވެ. ނަމަވެސް އީސީއަށް ފޯމު ހުށަހެޅުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަ ވާއިރު، ސެނެޓުން ވީހާވެސް އަވަހަކަށް ގޮތެއް ނިންމުން މަޖުބޫރެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ މިހާރު ވަނީ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ.
ޝަރީއަތުން ވެސް ޔާމީނަށް ކާމިޔާބު ނުވެއްޖެ ހާލަތެއްގައި ވާދަކުރަން، ޕީއެންސީން ކެންޑިޑޭޓަކު ނެރެން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ޕީއެންސީ އަކީ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފައި ބޭބޭފުޅު މައުމޫން އަބްދުލައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އުފެއްދި ޕާޓީއެކެެވެ.