ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ލަގާން"، "ދޭވްދާސް" އަދި "ޖޯދާ އަކްބަރު"ފަދަ ފިލްމުތަކުގައި އާޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނިތިން ދެސާއީ މަރުވެއްޖެއެވެ.

ނިތިން ދެސާއީ މަރުވެފައި އޮއްވައި ފެނުނީ އޭނާ މަސައްކަތް ކުރާ އަމިއްލަ ސްޓޫޑިއޯގައެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނިތިން މަރުވެފައިވަނީ އަމިއްލައަށެވެ.

ހިންދީ ސިނަމާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން މަސައްކަތް ކޮށްފައިވާ ނިތިންއަކީ ކާމިޔާބު ޑައިރެކްޓަރުން ކަމަށްވާ އާޝުތޯޝް ގޮވަރިކާ، ވިދޫ ވިނޯދު ޗޯޕްރާ، ރާޖް ކުމާރު ހިރާނީ އަދި ސަންޖޭ ލީލާ ބަންސާލީފަދަ އައިކޮނިކް ޑައިރެކްޓަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މުމްބާއި ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ނިތިންގް ސްޓޫޑިއޯއިން މިހާތަނަށް އެއްވެސްކަހަލަ ނޯޓެއް ފެނިފައިނުވާ ކަމަށެވެ.

ބޮލީވުޑްގެ އައިކޮނިކް ފިލްމުތައް ކުޅެފައިވާ ސްޓޫޑިއޯގެ ވެރިޔާ މަރުވިއިރު އޭނާގެ ބޮޑެތި ދަރަނިތަކެއް އެބަހުރި ކަމަށާއި ނިތިންގެ މަރުގެ ފަހަތުގައި މިކަމާ ގުޅުންހުރި ކަންތައްތަކެއްވުމީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު އީސީއެލް ކުންފުނިން ނިތިންގެ ނަމުގައި 185 ކްރޯޑު ރުޕީސްގެ ލޯނެއް ނަގާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ނިތިން އާޓް ޑައިރެކްޓަރެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ 2019ވަނަ އަހަރު ރިލީޒްވި ފިލްމު "ޕާނީޕަތު" އަދި "2020"ވަނަ އަހަރު "ޕޯރަޝްޕޫރް" ނަމުގައި ރިލީޒްކުރި ފިލްމެއްގައެވެ. ނިތިން ދެސާއީގެ ކުއްލި މަރާ އެކު އިއްޔެ ރިލީޒްކުރުމަށް ހަމަޖެހުނު ފިލްމު "އޯމައި ގޯޑް"ގެ ޓްރެއިލާ ރިލީޒްކުރުން ވެސް ވަނީ ފަސްކޮށްފައެވެ. ހަމައެއާ އެކު އެކްޓަރު އަބިޝޭކް ބައްޗަންގެ ފިލްމު "ގޫމަރު"ގެ ޓްރެއިލާ މިއަދު ރިލީޒްކުރުމަށް ނިންމި ނިންމުން ވެސް ވަނީ ފަސްކުރެވިފައެވެ. ނިތިން ދެސާއީއަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިންނާވެސް ގާތްގުޅުމެއް އޮންނަ ފަރާތެކެވެ.