"މަންމީ... ދާންއަށް ބާރަށް ނުހިނގޭނޭ..." ނިޔަމް ހުއްޓުނީ ދާވިއަން ބޮޑާހާކައިލި އަޑު އިވުމުންނެވެ. އޭރު ޒައިލް ކާރުގައި ނައްޓާލައިފިއެވެ. ކާރު އައީ ސީދާ ނިޔަމްމެން ތިބި ދިމާއަށެވެ.

********

"މަންމި އުރާލަންތަ؟..." ނިޔަމް އުޅުނީ އަވަހަށް ދާވިއަން ގޮވައިގެން އެތަނުން ދާށެވެ.

"ދާން މީ މިހާރު ޓޮޑްލާއެއް... މަންމި ނޫރާނެ...." ދާވިއަން ދެކޮޅުހެދިއެވެ.

"ވަރަށް ދުއްވާ އެއްޗެހި ގިނައޭ ދަރިފުޅާ... އަވަހަށް ދެވޭނީ އޭރުންނެއްނު..." ވިސްނައިދޭ ރާގެއްގައި ނިޔަމް ބުނެލިއެވެ.

"ދާން..." މީހަކު ގޮވައިލި އަޑު އިވުމުން ނިޔަމް ދިޔައީ ސިއްސައިގެންނެވެ.

ލޫކް އިނީ ސައިކަލުގައެވެ. ނިޔަމްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ ހީކުރީ ޒައިލް ކަމަށެވެ. ދާވިއަންއަށް ލޫކް ފެނުމުން، ނިޔަމްގެ އަތްދަށުން ވީއްލިގަނެގެން ދުވެފައި ލޫކްގެ ކައިރިއަށް ދިޔައެވެ. ލޫކް ދާވިއަން އުރާލާފައި ސައިކަލުގެ ކުރިއަށް ލިއެވެ.

"މަންމި ދޭ ހިނގާލާފަ..." ކައިރީގައި ހުއްޓުނު ނިޔަމްއަށް ބަލައިލާފައި ލޫކް ހިނިތުންވެލިއެވެ. "ދާން ދާނީ ބައްޕިއާއެކީ ސައިކުގައޭ ދޯ...."

"ޔޭޝް..." ދާވިއަން ވަރަށް ބާރަށް ބުންޏެވެ.

ކުއްލިއަކަށް ފެނުނު މަންޒަރުން ޒައިލްއަށް ކާރުގެ ބުރަކި ޖައްސައިލެވުނެވެ. ނިޔަމް ބުނީ ތެދެއް ހެއްޔެވެ؟ މީހަކާއި އިނދެގެން ނިޔަމްއަށް ދަރިއަކުވެސް ލިބުނީ ހެއްޔެވެ؟ ކުރިމަތީގައި އެތިބީ ނިޔަމްގެ އާއިލާ ހެއްޔެވެ؟ ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ޒައިލްއަށް ދަތިވިއެވެ. ލޫކާއި ދާވިއަންގެ އެއްގޮތް އެންމެ ސިފައެއްވެސް ނެތެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން ޒައިލް އެތައް އިރަކު އިނެވެ.

ގެއަށް ވަންގޮތަށް ޒައިލް ސޯފާއަށް ވެއްޓިގަތެވެ. ނިޔަމްގެ ސޯސަލްމީޑިޔާ އެކައުންޓު ފެނޭތޯ ހޯދަން ފެށިއެވެ. އެއް ނަމެއް ކިޔާ އެތައް ބަޔަކު އޭނާއަށް ފެނުނެވެ. ފަހަރަކު އެކައުންޓެއް ބަލަމުންދިޔަ ޒައިލްގެ ލޮލުގައި އަޅައިގަތީ، ތުއްތު ކުއްޖެއްގެ އަތުގައި ހިފާލައިގެން ފުރަގަސްދީގެން ހުރި އަންހެން ކުއްޖާއެވެ. އެކުއްޖާގެ ޕޯސްޓުތައް ބަލަމުންދިޔަ ޒައިލްއަށް އެއީ ނިޔަމް ކަން ޔަގީންވީ، މޫނު ފެންނަގޮތަށް ކުރީގެ ތަސްވީރެއް ހިއްސާކޮށްފައިވާތީއެވެ. ޒައިލްގެ ހިތުގައި ރިއްސާލީ، ދާވިއަންއާއި ލޫކް އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރެއް ފެނުމުންނެވެ.

ޒައިލްގެ މުޅި ދުވަސް ހަރާބުވިއެވެ. ތެދުވާނެ ހިތްވަރުވެސް ނެތިފައި އޮއްވާ ފޯނަށް މެސެޖުތަކެއް އަންނަން ފެށިއެވެ. އާޔަތުގެ ނަން އަރާފައި އޮތުމުން، ޒައިލްގެ މޫނުން ފެނުނީ ފޫހިކަމެވެ. އާޔަތު ފޮނުވާފައި އޮތީ ޕާޓީގެ ތަސްވީރުތަކެކެވެ. ޒައިލްއާއި އާޔަތު އެކުގައި ނަގާފައިވާ އެތައް ތަސްވީރެކެވެ. ގިނައީ ޒައިލްއަށް ނޭނގި ނަގާފައިވާ ތަސްވީރެވެ.

ތަސްވީރުތައް ބަލާފައި ޒައިލް އެއްޗެއް ނުބުނުމުން އާޔަތު މާޔޫސްވިއެވެ. ފޫހިގޮތަކަށް އެނދުން ތެދުވިއެވެ. މާލެ ވީ އޭނާ ހީކުރި ވަރަށްވުރެ ފޫހި ތަނަކަށެވެ. އެކުގައި އުޅެން ބޭނުންވާ މީހާ ހުރީ މާ ދުރުގައެވެ. އާޔަތަށް ފުރުސަތެއް ނުދެއެވެ. އާޔަތު ކޮޓަރިން ނުކުތްއިރު، ޔާމީނު އިނީ ސިޓިންގްރޫމުގައި ޓީވީ ބަލާށެވެ.

"ދަރިފުޅު ފޫހިވެގެންދޯ ތިއުޅެނީ؟..." އާޔަތުގެ މޫނު ފެނުމުން ޔާމީން އަހައިލިއެވެ. "ދަރިފުޅު ތިހެން އުޅޭއިރު ދައްތަ ކައިރިއަށްވެސް ގޮސްލަބަލަ... ދާވިއަން ކޮއްކޮވެސް ގެއަށް ގެނެސްލާ ހަދާލަބަލަ... ދަރިފުޅުވެސް ފޫހިފިލާނެއެއްނު..."

"ގުޑް އައިޑިއާ..." އާޔަތަށް ރަނގަޅު ހިޔާލެއް އައެވެ. "ބައްޕަ ޒައިލް ކައިރީ ބުނަންވީނު ދާވިއަން ކޮއްކޮއާއެކީ ރެސްޓޯރެންޓަކަށް ގޮސްލަން ބަލާ އައިސްދޭށޭ..."

"ދަރިފުޅުވީ ލައިސަންސް ނަގާށޭ ދޯ..." ޒައިލްއަށް ގުޅަމުން ޔާމީން ބުންޏެވެ.

********

ޒައިލް ކާރު ހުއްޓިއިރު، އާޔަތު ގެއިން ނުކުންނަނީއެވެ. ކިތަންމެ ފޫހިވެފައި ކާރުން ފޭބި ނަމަވެސް، އާޔަތުގެ ފަހަތުން ނުކުތް ދާވިއަން ފެނި ޒައިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ޕޮލިސްބޭ..." އާޔަތުގެ އަތްދަށުން ދެމިގަނެގެން ދާވިއަން ކާރާއި ދިމާއަށް ދުއްވައިގަތެވެ.

"ކިހިނެއް ތި ދެމީހުން އެނގުނީ؟..." ކާރަށް އަރާފައި އާޔަތު އަހައިލިއެވެ.

"ޕޮލިސްބޭބެއަކީ ދާންގެ ފްރެންޑެއް..." ދާވިއަން މައުސޫމުގޮތަކަށް ބުންޏެވެ. "ތުއްތަވެސް ފްރެންޑްތަ؟..."

"ތުއްތަ މިއުޅެނީ ތިކަން ނުވެގެން..." ކާރުގެ ލޯގަނޑުން ޒައިލްއަށް ބަލައިލަމުން އާޔަތު ބުންޏެވެ.

ދާވިއަން އިނީ ޒައިލްގެ ކައިރީގައި ކުރީ ސީޓުގައެވެ. ކާރުގެ އެކި ބައިތަކާއި ބެހޭގޮތުން ދާވިއަން ވަކިވަކިން ޒައިލްއާއި ސުވާލުކުރަމުން ދިޔައެވެ. އާޔަތަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. އެކަމާއި އޭނާ އިނީ ރުޅިގަނޑު ހިންދާލައިގެންނެވެ. ރެސްޓޯރެންޓްގެ ކުރިމައްޗަށް ކާރު ހުއްޓިއިރު، ތަނުގައި ޕާކު ކުރާނެ ޖާގައެއް ނެތެވެ.

"ޕާކުކޮށްފަ އާދޭ... އަހަރެމެން މަޑުކުރާނަން..." އާޔަތު ބުންޏެވެ.

"ނޫނޭ އެތެރެއަށް ވަންނަވާ... އަޅުގަނޑު ކާރުގަ މަޑުކޮށްލާނަން..." ޒައިލް ވާހަކަދެއްކީ ރަސްމީކޮށެވެ.

"ކީއްވެތަ ތިހާ ދުރުކޮށްލަނީ؟..." ޝަކުވާގެ ރާގަކަށް އާޔަތު ބުންޏެވެ. "އަހަރެން ބުނެފީމެއްނު ރީތިބަހުން އަހަންނާ ވާހަކަ ނުދައްކާށޭ..." ފަހު ޖުމުލަ އާޔަތު ބުނީ އިނގިރޭސި ބަހުންނެވެ.

"ތީ އަޅުގަނޑުގެ ވެރިމީހާގެ ދަރިފުޅު..." ޒައިލް އަދަބުވެރިކަމާއިއެކު ބުންޏެވެ.

"ދާންކޮ ބުނެބަލަ ޕޮލިސްބެ ކައިރީ އަންނާށޭ..." އާޔަތަށް ގޮތް ހުސްވުމުން، ދާވިއަންގެ މައުސޫމުކަމުގެ ފައިދާ ނެގިއެވެ.

ދާވިއަން ބުނުމުން ޒައިލްއަށް ދެކޮޅުހަދަން ނުކެރޭނެކަން އާޔަތަށް އެނގެއެވެ. ކަންތައްވީވެސް އެހެންނެވެ. ކާރު ޕާކުކޮށްފައި ޒައިލް އެނބުރި އައެވެ. އާޔަތުގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

********

ކުޑަ ބިއްލޫރި މޭޒުމަތީގައި އާވި އަރައަރާ ހުރި ދެ ކޮފީތަށި ހުއްޓެވެ. ޓީވީއިން ދައްކަމުންދިޔައީ ފުޓްބޯޅަ މެޗެކެވެ. ސޯފާގައި ލެނގިލައިގެން ނިޔަމް އާއި އަރުޝާ ތިބީ ކާޕެޓުގަނޑުގެ މަތީގައި އިށީނދެލައިގެންވެ. ދެމީހުންކުރެ އެކަކުގެވެސް ޝައުގެއް ޓީވީއަކަށް ނެތެވެ. ކޮފީފޮދެއް ބޯލާފައި މޭޒުމަތީގައި ބަހައްޓަމުން އަރުޝާ ނިޔަމްއާއި ދިމާއަށް ބަލައިލިއެވެ.

"ކީއްކުރަންތަ އޭނަޔާ އެކީ ދާން ފޮނުވީ؟..." ކުޑަކޮށް ހިތްހަމަނުޖެހިފައި އަރުޝާ ބުންޏެވެ.

"ކެރޭނެތަ ބުނަން ނުފޮނުވާނަމޭ..." ނިޔަމް އިސްޖަހައިލިއެވެ.

"އެމީހުންގެ ނިޔަތް ރަނގަޅެއް ނުވާނެ... ތި އާޔަތެއްގެ ގޮތެއްވެސް އިނގެނީއެއް ނޫން... ރާއްޖޭން ބޭރުގަ އުޅެފަ އަޔަސް، އޭނަ ގައިގަވެސް ހުންނާނެދޯ އެ ނުޒުހަތުގެ ލޭ..." އަރުޝާ ބުންޏެވެ.

"ޔާމީންބެ އަބަދުވެސް ވަރަށް ރަނގަޅު..." ނިޔަމްވެސް ކޮފީފޮދެއް ބޯލިއެވެ. "މިހާރުވެސް މާމައަށް ގުޅާ ވާހަކަ ބުނި..."

"ޔަމްގެ މާމަވެސް ދުނިޔޭގަ އެބަހުރިތަ؟..." އަރުޝާ ހައިރާންވެފައި އަހައިލިއެވެ. ނިޔަމް ބޯޖަހައިލިއެވެ.

"މާމަ ބޭނުމެއް ނުވޭ މާލެ އަންނާކަށް... އަހަންނަށް ވީ ވަރަކުން ގެވެސް ހަދައިދީފަ ހުންނާނީ... ވަރަށް އާދޭސް ކުރެވިއްޖެ... އެކަމަކު އެއްގޮތަކަށްވެސް މާލެ އަންނާކަށް އެއްބަހެއް ނުވޭ..." ނިޔަމް ބުންޏެވެ.

"ނުޒުހަތު ޔަމްދެކެ އެހާ ރުޅިއަންނައިރު، ޔާމީން ކީއްވެބާ ޔަމްއަށް އެހާ ރަނގަޅީ؟...." އަރުޝާގެ ހިތުގައި އަބަދުވެސް އޮންނަ ބޮޑު ސުވާލު ފެންމަތިކުރިއެވެ. "ޔަމް މަންމަގެ އާއިލާ މީހަކީ ނުޒުހަތު، އެކަމަކު، އެއީ ހަމަ ހަތުރެއް... ވަރަށް ފޫހިވޭ އެހެރަ ބަލާގޮތަކުންވެސް..."

ނިޔަމްއަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. މަންމަ ނިޔާވުމުން، ނިޔަމްގެ ދިރިއުޅުން ވެއްޓުނު ހަނަފަސް ސަހަރާގެ ތެރެއިން ނެގީ ޔާމީނެވެ. ނިޔަމްއަށް ކިޔައިވައިދީ، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް ޔާމީން ނިޔަމްއަށް އެހީތެރިވެދިނެވެ. އެކަމަށް އޭނާ ޝުކުރުވެރިވެއެވެ. ޔާމީން ނިޔަމް މާލެ ގެނައީ ނުޒުހަތުވެސް އެއްބަސްވެގެންނެވެ. އެކަމަކު، ފަރުދާގެ ފުރަގަހުގައި ނުޒުހަތު ދައްކަމުން ދިޔައީ އޭނާގެ އަނދިރި ފަރާތެވެ. ނުޒުހަތުގެ ވިހަ ބަސްތައް ނިޔަމްގެ ހިތުން ފިލުވާލަން ދައްޗެވެ. މީހަކަށް ނަފުރަތު ކުރާނީ އޭގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާތީކަން ނިޔަމް ގަބޫލުކުރެއެވެ. އެކަމަކު، ނުޒުހަތު އޭނާދެކެ އެހާ ރުޅި އަންނަނީ ކީއްވެ ކަމެއް ނިޔަމްއަކަށް ނުވިސްނުނެވެ.

"މިއަދު އަހަރެންގެ ދޮންތަ ބުނި އެއްޗެއް އިނގޭތަ؟..." ނިޔަމް ފުން ވިސްނުމެއްގައި އިންނަން ފެށުމުން އަރުޝާ ބުންޏެވެ. "ތި ދެމީހުން ވަރަށް ގުޅެޔޯ... ދާން ވައްތަރީ ލޫކާޔޯ... ދޮންތަ ހީކުރީ ތި ދެމީހުން އުޅެނީ މެރީކޮށްގެން ކަމަށް..."

"އަހަރެން ހިތްހަމައެއް ނުޖެހޭ ދާން ލޫކަށް ބައްޕަ ކިޔާތީ... ލޫކް އެއީ ދާންގެ ބައްޕައެއް ނޫން..." ނިޔަމްގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފެނިގެން ދިޔައެވެ. "ހޮސްޕިޓަލުގަވެސް އެންމެން ހީކުރަނީ ލޫކް އެއީ އަހަރެންގެ ހަޒްބެންޑްކަމަށް... އަހަރެން ބޭނުމެއް ނޫން ލޫކަށް ފޯލްސް ހޯޕެއް ދޭކަށް..."

"އަހަންނަށް ފެންނަނީ ތި ދެމީހުން ވާހަކަ ދައްކާލަން..." އަރުޝާ ލަފާ ދިނެވެ. "އަވަހަކަށް މަރެއްވެސް ނުވާނެ... ލޫކް އެބަ ގުޅާ..." އަރުޝާ ފޯނު ދައްކައިލިއެވެ.

"ޔަމް އެބައިންތަ ކައިރީގަ؟..." ލޫކް އެހިއެވެ.

"އާނ... މިތާ އެބައިން... މަޑުކުރައްޗޭ..." އަރުޝާ ނިޔަމްގެ އަތަށް ފޯނު ދިނެވެ.

"ވައިބާ ބަލާބަ..." ލޫކް އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ.

ލޫކް ފޮނުވާފައި އޮތީ، އާޔަތާއި، ދާވިއަން އަދި ޒައިލް އެކުގައި ރެސްޓޯރެންޓްގައި ތިއްބާ ނަގާފައިވާ ތަސްވީރެކެވެ. ދާވިއަންއާއި ޒައިލް އެކަކު އަނެކަކަށް ބަލަން ތިބިގޮތް ފެނުމުން، ނިޔަމްގެ ގައިން ހީބިހި ނަގައިގަތެވެ.

"ކޯއްޗެއްތަ؟..." އަރުޝާ ނިޔަމްގެ ފޯނު އަތުލައިގެން ބެލިއެވެ. "އަޅެ، ހާދަ ވައްތަރޭ..."

"ޒައިލްއަކީ ދާންގެ ބައްޕަ..." ނިޔަމް ފޮރުވައިގެން އުޅުނު ބޮޑު ސިއްރު އަރުޝާއަށް ހާމަކުރިއެވެ.

"އޭނ؟..." އަރުޝާގެ ދެލޯ ބޮޑުވިއެވެ.

"މި ފޮޓޯގަ އޭނީ ދާންގެ ބައްޕައޭ..." ނިޔަމް ފޯނު އަތުލަމުން ބުންޏެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"އޭނައަށް އެނގޭތަ؟..." އަރުޝާ އަހައިލިއެވެ.

"ނޭނގޭނެ..." ނިޔަމްގެ އަޑު ވަނީ ކުރެހިފައެވެ. އަޑު ތުރުތުރުއަޅާ ވަރުން ވާހަކަ ދައްކަން ދަތިވެފައިވާވަރު އަރުޝާއަށް އެނގުނެވެ.

"ދެން ކިހިނެއް ހަދާނީ؟..." އަރުޝާ ކަންބޮޑުވިއެވެ.

"އެއްވެސް ކަމެއް އަބަދަށް ސިއްރެއް ނުވާނެ... މިއޮއް ބޮޑު މާލެއިންވެސް އެ ދެމީހުން ބައްދަލުވީމަ އެކަން ގަބޫލުކުރަން މަޖުބޫރުވެއްޖެ..." ނިޔަމް ހިންދިރުވައިލީ އުނދަގޫގޮތަކަށެވެ.

އަރުޝާއަށް އިތުރު އެއްޗެއް އަހާކަށް ނުކެރުނެވެ. ނިޔަމް ގެއިން ނުކުތްގޮތުން އަރުޝާ ހާސްވިއެވެ. ލޫކަށް ގުޅިއެވެ. ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންދިޔަ ނިޔަމްއަށް ހީވަނީ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ ހެންނެވެ. އޭނާ އެދިޔަ ބާރުމިނުގައި ގޮސް، އާޔަތުމެން ތިބި މޭޒު ކައިރިއަށް ހުއްޓުނެވެ. ކުއްލިއަކަށް ނިޔަމް ފެނުމުން، ޒައިލްއަށް ކޮޅަށް ތެދުވެވުނުއިރު، އާޔަތުވެސް އިނީ ވާނުވާ ނޭނގިފައި ނިޔަމްއަށް ބަލާށެވެ. ނިޔަމް ވަކި އެއްޗެއް ނުބުނެ، ކުއްލިއަކަށް ދާވިއަން އުރާލައިގެން ރެސްޓޯރެންޓުން ނުކުންނަން ދިޔައެވެ.

(ނުނިމޭ)