06 May 2012, 09:47
އެމްޑީޕީގެ ހަރަކާތްތައް ފެށިގެން އައީ ޑިމޮކްރަސީގެ ނަމުގަ އެވެ. އެ ހަރަކާތުގެ ތެރެއިން ގިނަ ބަޔެއްގެ މަގުބޫލުކަން ރައީސް މުހަންމަދު ނަޝީދު ހޯއްދެވީ ޑިމޮކްރަސީގެ ޓެގް ހޯއްދަވައިގެންނެވެ. ވެރިކަމަށް ވަޑައިގެން ވެރިކަން ކުރެއްވީ ވެސް އެ ނަމުގަ އެވެ. ނަމަވެސް ވެރިކަމުގެ ވަކި ހިސާބަކުން ރައީސް ނަޝީދުގެ މަގަށް ހުރަސްއެޅީ "ހުދުމުހުތާރު" ކަމުގެ ބަހެވެ. އިދިކޮޅު ފަރާތްތަކުން އޭރު ކުރި އެއްތުހުމަތަކީ ރައީސް ނަޝީދު ހުދުމުހުތާރު ވުމެވެ. ބައެއް އަމަލުތައް ހުދުމުހުތާރު ކަމުގެ ގޮޅިއަށް ފެތުމެވެ. ވެރިކަން ވެއްޓުމަށް ފަހު ވެސް އެކަމަށް ދަލީލު ލިބޭ ކަންތައްތައް ގިނަ ކަމަށް ބަހުސް ކުރެވިދާނެ އެވެ. އެމްޑީޕީގެ ލީޑަޝިޕަށް އިސްވާ ކޮންމެ ފަރާތެއް ބޭރުކޮށް އެއްލާލުމަކީ އޭގެ ދަލީލެއް ކަމަށް ބެލެވިދާނެ އެވެ. އެންމެ ފަހުން ޒުވާން ނައިބު ރައީސް އަލްހާން ފަހުމީ އާއި ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވެސް ޖެހުނީ އަތް ފޮޅާލާފައި ނުކުންނާށެވެ.
"އަޅުގަނޑު ރައީސް ނަޝީދާ ނޫނީ ޕާޓީގެ ވަކި ބަޔަކާއި ހިޔާލުތަފާތުވީމާ އަޅުގަނޑާ މެދު ވޯޓެއް ނަގައި އަޅުގަނޑާ ދެކޮޅަށް މަސައްކަތް ކުރަނީ. އެކަމަކު ޑިމޮކްރަސީއެއްގައި އެއީ މައްސަލައަކަށް ވެގެން ނުވާނެ. މި ޕާޓީގައި އެއީ މައްސަލައަކަށް ނުވާނެ،" މަގާމުން ދުރުކުރެވުނު އަލްހާން ފަހުމީ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ލީޑާޝީޕްގައި ބޮޑަތި މައްސަލަތަކެއް ހުރި ކަމުގެ ޝައްކު ކުރެވި ސުވާލުތައް ފެންމަތިކުރެވެން ފެށީ އެ ހިސާބުންނެވެ. ރައީސް ނަޝީދުގެ ގާތް ބޭފުޅުން އެކި ނަންނަމުގައި ޕާޓީގެ އިސްސަފަށް ގެނެސް އިންތިހާބީ ބޭފުޅުންގެ ހަން ޕާޓީތެރޭގައި ފެތުރުމަކީ ޑިމޮލްރަސީގެ "ނޯމްސް"ގެ ގޮތުގައި ބަލެވިދާނެ ކަންތައްތަކެއް ކަމާ މެދު މި ވަނީ ސުވާލުއުފެދިފަ އެވެ. އެއަށް ދޭނޭ ޖަވާބުތައް ވެސް މަދެވެ. ދޫހެލޭ ރައީސް ނަޝީދު ވެސް މަޑުން ހުންނަވަނީ އެހެންވެ ކަމަށް ވެދާނެ އެވެ.
އެހެންނަމަވެސް ނަޝީދާ އެއްވިސްނުމެއް ހިއްސާ ކުރާ އެ ޕާޓީގެ ބައެއް މެންބަރުންގެ ހިޔާލުތަފާތެވެ.
"މި ރާއްޖޭގެ ސިޔާސީ މާހައުލު އޮތްގޮތަށް ވެއްޖިއްޔާ ރާއްޖެ އޮތީ ދެބަޔަކަށް ބެހިފައި، އެއްބަޔަކީ ރައީސް ނަޝީދުގެ ސަޕޯޓަރުން އަނެއް ބަޔަކީ މައުމޫންގެ ސަޕޯޓަރުން. ތިޔަ ބޭފުޅުންނަށް ވަރަށް ފަހުން ފެންނާނެ މަންޒަރެއް ކަންނޭނގެ މައުމޫން ޑީއާރުޕީ ދޫކޮށްލާފައި ނުކުންނެވީމާ ދެން ފެނުނީ އެ މަނިކުފާނު ފަހަތުން އެ މަނިކުފާނުގެ ސަޕޯޓަރުން ދިޔަތަން. އަލްހާން ފަހުމީ ރައީސް ނަޝީދު ކައިރީގައި ލީޑަޝިޕަށް ކުރިމަތި ނުލައްވާށޭ، ބުނުމުގެ ބަދަލުގައި ރައީސް ނަޝީދާ ވާދަކުރައްވަން ނުކުމެވަޑައިގަންނަވަން ނުކެރެނީ. އެހެންވީމާ ރައީސް ނަޝީދުގެ ލީޑަޝީޕްގައި މައްސަލައެއް ނެތް ކަން އެނގެނީ. އެމަނިކުފާނަށް ތާއީދު އެބައޮތް، ޑިމޮކްރަސީގައި ތާއިދަކީ އެއްޗަކީ،" ދިއްދޫ ދާއިރާގެ މެންބަރު ސަމީރު ވިދާޅުވި އެވެ.
އެމްޑީޕީން ބޭފުޅުންގެ ވާހަކަތަކުން ވެސް ރައީސް ނަޝީދަކީ "ރޫހާނީ" ލީޑަރެއް ގޮތަށް އަބަދުވެސް ސިފަވެ އެވެ. ރައީސް ނަޝިދުގެ ސަޕޯޓަކީ ނުފޫޒު ކަމުގައި ވެސް އެމްޑީޕީގެ ބޭފުޅުން މާނަކުރައްވަ އެވެ. ނަމަވެސް ރައީސް ނަޝީދު ކުރިން ވެސް ޖޯކު ޖައްސަވާ ހަޖޫޖެއްސެވީ ޑީއާރުޕީގައި ރޫހާނީ ލީޑަރެއް ހުންނަވީ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދު އެމްޑީޕީގައި ފެންނަނީ ހަމަ އެކަނި ނަން ބަދަލުވެފައިވާ ރޫހާނީ ލީޑަރެއް ނޫންބާ އެވެ؟
"އަޅުގަނޑު ޕާސަނަލީ ގަބޫލެއް ނުކުރަން މި ދަންނަވާ ރޫހާނީ ލީޑަޝިޕެއް. އަޅުގަނޑު ގަބޫލުކުރަނީ ލީޑަޝިޕް އޮންނަން ޖެހޭނީ ގަބޫލުކުރާ އުސޫލުތަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް. ވެރިއަކަށް ހުންނަ މީހާ އަދި އިންތިޚާބުކޮށްފައިވާ އެންމެ އިސްވެރިޔާގެ ފަރާތުން ވެސް އަޅުގަނޑުމެން ގަބޫލުނުކުރާ ކަމެއްވާ ނަމަ އެ ކަންކަމަށް ފާޑުކިޔެން ޖެހޭނެ. އެއީ އެމްޑީޕީގެ މި ފިކުރުގެ އަސާސަކީ،" އަލްހާން ވިދާޅުވެފައިވެ އެވެ.
އެ މައްސަލަ އެއްފަރާތްކޮށް ރައީސް ނަޝީދުގެ ރޫހާނީ ލީޑަޝިޕް ކުރި ފަޅާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. އެ ވާހަކަ ފުރަތަމަ ވިދާޅުވީ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކެވެ.
"އެންމެ ފުރަތަމަ ކުޅުދުއްފުށީގައި އެމްޑީޕީގެ ޖަލްސާއެއް ބޭއްވީ އަޅުގަނޑު ގޮސް. އެހެންވީމާ، އަޅުގަނޑަކީ ވެސް އެމްޑީޕީގައި އުޅުނު މީހެއް. އެހެން ނަމަވެސް، ބައެއްފަހަރު އެބަޖެހޭ، ކުޑަކޮށް ކަންކަމުން ދުރުވެލައިގެން އުޅެންވެސް. އެގޮތުން އަޅުގަނޑަށް އެމްޑީޕީ އިން ވަކިވާން މަޖުބޫރުވީ. އަޅުގަނޑު ވަކިވާންޖެހުނު ސަބަބު މިހާރު ވަރަށް ރަނގަޅަށް ފެނިގެން އެދަނީ،" ރައީސް ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ރައީސް އިޝާރާތް ކުރެއްވީ އަލްހާން އާއި ޑީޑީ ބޭރުކޮށްލުމަށެވެ. އެމްޑީޕީގެ ލީޑަޝިޕުން ޒުވާނުންނަށް ޖާގަ ދިނުމަށް ރައީސް ނަޝީދު ބޭނުން ފުޅުނުވުމެވެ. އެހެންގޮތަކަށް ބުނާ ނަމަ މުޅި އެއްޗަކީ ރައީސް ނަޝީދުގެ މިލްކަކަށް ހަދާފައި އޮންނަ އޮތުން އެކަމުން ދަލީލު ކުރެ އެވެ. އެމްޑީޕީގެ ފުރަތަމަ ޕާލިމަންޓް މެންބަރު ޝިފާގު މުފީދު ހިސްޓޯ ކެނޑިގެން ޕީޕީއެމްއަށް ސޮއި ކުރުމުގެ މޫތައް ގުޅިފައި ހުރީ ރައީސް ނަޝީދުގެ ލީޑަޝިޕްގެ ފެއިލްވުމުން ކަމަށް އޭނާގެ ވާހަކަތަކުން ސާބިތުވެ އެވެ. ހިސްޓޯ ރޭގެ ޖަލްސާގައި ވިދާޅުވަމުން ގެންދެވީ އޭނާ އެމްޑީޕީގެ ފިކުރަށް ނޫނެކޭ ބުނެވެން ފެށީ ވަކި ކުލަޔަކަށް މަގާމުދެވި ތަރައްގީއަކީ ވަކި ކުލައެއްގެ އެއްޗަކަށް ވުމެވެ.
"ތިޔަ މަތިމާމެންގެ ވެރިކަމޭ މިއޮތީ، ތިމަންނަމެން ހިތަށް އެރިގޮތަކަށޭ ކަން ކުރާނީ. އެއީ އަޅުގަނޑުގެ ޕާޓީ [އެމްޑީޕީ]ގެ މެންބަރުން ބުންނަންފެށި ބުނުން. ތިމަތިމާމެންގެ ހިތަށް އެރި މީހަކަށް ނޫނީ ވަޒީފާއެއް ނުދޭނަމޭ ބުނަން ފެށި ބުނުން. ތިމަތިމާމެންގެ ޕާޓީއަށް ނުވަންނަ މީހަކަށް މިރާއްޖޭގައި ފުރުސަތެއް ނެތޭ ބުނަން ފެށި ބުނުން. ފުލެޓްތަކާއި އެހެން އެއްޗެއްސާއި މިއެއްޗެހި ލިބޭނީ ތިމަތިމާމެންގެ ޕާޓީގެ މެންބަރުންނަށް ލިބިފައޭ ބުނަންފެށި ފެށުން. ނަތީއްޖާއަކަށް ވެގެންދިޔައީ މުޅި ޖުމްލަ ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްހަމަނުޖެހުން އުފެދިގެންދިއުން،" ހިސްޓޯ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަނުކޮށް އިސްތިއުފާދެއްވަން ޖެހިވަޑައިގަތް އަސްލުތަކަކީ ހިސްޓޯ އެ ވިދާޅުވާ ކަންކަމަށް ވުން ގާތެވެ. ހުދުމުހުތާރު ސޮފަތެކެވެ. މަޝްވަރާއަށް އެކަށީގެންނުވާ މީހުންގެ މަޝްވަރާތައް ހޯއްދެވުމެވެ. މިހުރިހާ ކަމަކާއި ހުރެ އަދި ފަހުން ހިނގާ މިދިޔަ ކަންކަމަށް ބަލާނަމަ ރައީސް ނަޝީދުގެ ލީޑަޝިޕްގައި މައްސަލައެއް ނެތޭ ނުބުނެވޭނެ ބާއެވެ؟ އެ ލީޑަޝިޕްގައި ރަނގަޅު ކުރަން ޖެހޭ މައްސަލަތަކެއް ނެތް ބާއެވެ؟ ނޫނީ ރައީސް ނަޝީދުގެ އެ ލީޑަޝިޕަކީ އާންމުންގެ ޖާޒު ބިއްޔަތާއި ގުޅި ސިނކުޑިއަށް ވަކި ވިސްނުމެއް ވިސްނަ ދިނުމުގެ ލީޑަޝިޕެއް ނޫންބާ އެވެ؟