ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރިމް ކޯޓަށް ހުށަހަޅާފައިވާތީ، އެ މައްސަލައަށް ޖަވާބުދާރީވާން އެ ކޯޓުން އެ ކޮމިޝަނަށް އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އެކަން 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ހަބީބް ވިދާޅުވީ މާދަމާގެ މެންދުރުފަހު 15:00 ގެ ކުރިން ސުޕްރިމް ކޯޓަށް ޖަވާބުދާރީވުމަށް އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އެ ކޮމިޝަނާ ހަވާލުކޮށްފައެވެ. އެކަމަކު، އެ ކޮމިޝަނުން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާށެވެ.

އެ ކޮމިޝަނުން ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ.