02 Aug 2023, 20:49
މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވި، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 22 އަހަރުގެ ރ. އިނގުރައިދުއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އެންމެ ފުރަތަމަ ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އެއަށްފަހު މިއަދު ކޯޓަށް ގެންދިއުމުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. އަދި އެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެއްބަސްވާ ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެކްސިޑެންޓުގައި ބޮޑެތި ޒަހަމްތަކެއް ލިބުނު ހަފީޒް ވަނީ އިންޑިއާ އަށް ފުރުވާލައިފައެވެ. އިންޑިއާއަށް އޭނާ ފުރުވާލުމުގެ ކުރިން ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.